ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ތަޢުރީފުކުރައްވާފައިވާ ފުރިހަމަ ޞައްޙަ ބުއްދިއާއި، ބުއްދީގެ އަހުލުވެރިންގެ ވިސްނުމަކީ ވަރަށްވެސް ތަނަވަސް އެއްޗެކެވެ. ޙަޤީޤީ ބުއްދިވެރިން، ﷲ އެމީހުންނަށް ދެއްވާފައިވާ ނިޢުމަތްތައް ހަމައެކަނި ކެއުމާއި ބުއިމާއި މާއްދީ މަދު ކަންތައްތަކެއްގެ މައްޗަށް ހަނިއެއް ނުކުރާނެއެވެ. އެހެނީ، އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢުމަތްތަކަކީ އޭގެ ކޮޅެއްވެސް ނެތްހާ ގިނަގުނަ އެއްޗެކެވެ. އެއީ އަޅުގަނޑުމެންގެ މަދު ޢިލްމަށާއި، ކުޑަކުޑަ ސިކުނޑިތަކަށާއި، ހިތްތަކަށް އޭގެ މިންވަރު އަންދާޒާކޮށްލަންވެސް އަދި ފުރިހަމައަށް ދެނެގަންނަންވެސް ނޭނގޭހާ ތަނަވަސް ނިޢުމަތްތަކެކެވެ. ތިރީގައި މިވާ ޢިލްމުވެރިންގެ ދެ ބަސްފުޅުން، މި ޙަޤީޤަތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއެވެ.
ނަބިއްޔާ ﷺ ގެ މާތް މަތިވެރި ޞަހާބީ އަބުއްދަރްދާ (رضي الله عنه) ވިދާޅުވާ ކަމުގައިވިއެވެ.
«مَنْ لَمْ يَرَ لِلَّهِ عَلَيْهِ نِعْمَةً إِلَّا فِي الْأَكْلِ وَالشُّرْبِ، فَقَدْ قَلَّ تَفَهُّمُهُ وَحَضَرَ عَذَابُهُ»
“ކެއުމާއި ބުއިމުގައި މެނުވީ، ﷲ އޭނާގެ މައްޗަށް ދެއްވާފައިވާ ނިޢުމަތެއް ނުދެކޭ މީހާ (ދަންނާށެވެ). ފަހެ، ހަމަކަށަވަރުން އޭނާގެ ވިސްނުންތޫނުކަން (ﷲ ގެ ތަޥްޙީދާއި، މި ދީނުގެ ހަޤީޤީ ފަހުމުވެރިކަން) ކުޑަވެއްޖެއެވެ. އަދި އޭނާއަށް (ހުރި) ޢަޛާބު ގާތްވެއްޖެއެވެ.” (އަލްޒުހުދު – އަބޫދާވޫދު، 221)
ޞަޙާބީ އަބުއްދަރްދާ (رضي الله عنه) އެންމެ ގިނައިން ކުރައްވާ ޢަމަލަކީ ފިކުރުކުރެއްވުމާއި، ޢިބްރަތް ޙާޞިލުކުރެއްވުމާއި (އިޢުތިބާރު)، އަދި ވިސްނައި ތަފައްކުރު ކުރެއްވުމެވެ. (އިބްނު ރަޖަބުގެ އިސްތިންޝާޤު ނަސީމް އަލްއުންސް، 49. ‘މިން އަޚްބާރުއް ސަލަފިއް ޞާލިޙް’ (ޞ. 254) ގެ ޛަރީޢާއިން)
އިބްނުލް ޤައްޔިމް (رحمه الله) ވިދާޅުވިއެވެ.
«فَإِنَّ مَنْ لَمْ يَرَ نِعْمَةَ اللَّهِ عَلَيْهِ إِلَّا فِي مَأْكَلِهِ وَمَشْرَبِهِ وَعَافِيَةِ بَدَنِهِ فَلَيْسَ لَهُ نَصِيبٌ مِنَ الْعَقْلِ الْبَتَّةَ، فَنِعْمَةُ اللَّهِ بِالْإِسْلَامِ وَالْإِيمَانِ، وَجَذْبُ عَبْدِهِ إِلَى الْإِقْبَالِ عَلَيْهِ، وَالتَّلَذُّذِ بِطَاعَتِهِ هِيَ أَعْظَمُ النِّعَمِ، وَهَذَا إِنَّمَا يُدْرَكُ بِنُورِ الْعَقْلِ، وَهِدَايَةِ التَّوْفِيقِ.»
“ފަހެ ހަމަކަށަވަރުން، އޭނާގެ ކެއުމާއި ބުއިމާއި އަދި އޭނާގެ ހަށިގަނޑުގެ ޢާފިޔަތު (ދުޅަހެޔޮކަން) ގައި މެނުވީ ﷲ އޭނާގެ މައްޗަށް ދެއްވާފައިވާ ނިޢުމަތެއް ނުދެކޭ މީހާ (ދަންނާށެވެ). ފަހެ، ބުއްދީގެ އެއްވެސް މިންވަރެއް (ނަޞީބެއް) އޭނާއަކަށް އެއްގޮތަކަށްވެސް ލިބިގެން ނުވެއެވެ. ފަހެ، އިސްލާމްކަމާއި އީމާންކަމުގެ ސަބަބުން ލިބޭ ﷲ ގެ ނިޢުމަތާއި، އަދި އެކަލާނގެ އަޅާ އެކަލާނގެއަށް ކުރިމަތިލުމަށް ލަންބަވައި ގެންދެވުމާއި، އަދި އެކަލާނގެއަށް ކިޔަމަންގަތުމުގައި މީރުކަން ލިބިގަތުމަކީ، އެންމެ ބޮޑުވެގެންވާ ނިޢުމަތްތަކެވެ. އަދި ހަމަކަށަވަރުން މިކަންކަން ދެނެގަނެވެނީ ހަމައެކަނި ބުއްދީގެ ނޫރުންނާއި ތައުފީޤުގެ ހިދާޔަތުންނެވެ.” (މަދާރިޖުއް ސާލިކީން 1/277).
މި ދެ ބަސްފުޅުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެންދަނީ، ނިޢުމަތްތައް މާނަކުރުމުގައި އާންމުކޮށް އަޅުގަނޑުމެންނަށް ހެދޭ ގޯހެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ، ﷲ ގެ ނިޢުމަތަކީ ހަމައެކަނި ފައިސާއާއި، މީރު ކެއުމާއި، ރަނގަޅު ޞިއްޙަތާއި ދުނިޔަވީ އަރާމު ކަމަށެވެ. މުދަލެއް ނުވަތަ ފައިސާއެއް ނުލިބިއްޖެނަމަ، ﷲ ގެ ނިޢުމަތް ތިމާއަށް ނުލިބޭކަމުގެ އިޙްސާސްތައް ކުރެވެއެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ދުނިޔަވީ މާއްދީ ކަންކަމަށް އެކަނި ބަލައި، ﷲ ދެއްވި ބޮޑެތި ރޫޙާނީ ނިޢުމަތްތަކުގެ މަތިން ހަނދާންނައްތާލުމަކީ ބުއްދީގެ އުނިކަމެކެވެ. އަދި އެއީ ނަފްސަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
ޙަޤީޤީ އަދި އެންމެ ބޮޑު ނިޢުމަތަކީ އަޅުގަނޑުމެންގެ ހިތްތަކުގައިވާ އީމާންކަމާއި، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ލެއްވުމެވެ. މި ދުނިޔޭގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނަކަށް ދެއްވާނެ އެންމެ އަގުބޮޑު، އެންމެ މަތިވެރި ނިޢުމަތަކީ މި ދެންނެވި އީމާންކަމުގެ އަސާސް ކަމުގައިވާ “ތައުޙީދު” ގެ ނިޢުމަތެވެ. އެއީ ﷲ ގެ ރައްބުވަންތަކަމުގައްޔާއި (ރުބޫބިއްޔަތު)، އަދި އަޅުކަންކުރުމުގައި (އުލޫހިއްޔަތު) އެކަލާނގެ އެއްކައުވަންތަކަން ފުރިހަމައަށް ފަހުމުވެ ދެނެގަތުމެވެ. އެހެނީ، ހުރިހާ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނީ ހަމަ މި މަތިވެރި ތަވްޙީދުލް ޢުބޫދިއްޔަތުގެ ނިޢުމަތާއިގެންނެވެ. އޭގެ ފަހުގައި، ދެން އޮތް އެންމެ ބޮޑު ނިޢުމަތަކީ، ﷲ ގެ ރަސޫލާ (ﷺ) ގެ ސުންނަތަށާއި، އެކަލޭގެފާނުގެ ޞަޙާބީންގެ މަންހަޖަށް (މަގަށް) މުސްލިމަކަށް ހިދާޔަތް ލިބުމެވެ. މިއީ މީހެއްގެ ޙަޔާތުގައި އޭނާއަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. މި މަތިވެރި ނިޢުމަތްތައް ލިބުމުން، ނަމާދުކުރުމުން ހިތަށް ލިބޭ ހަމަޖެހުމާއި، ދުޢާކުރުމުން ލިބޭ އުފާވެރިކަމާއި، ހެޔޮ ޢަމަލުކުރުމަށް ހިތުގައި އުފެދޭ ޝައުޤުވެރިކަމަކީ ދުނިޔޭގެ އެއްވެސް މުދަލަކުން ގަނެވޭނެ އެއްޗެއް ނޫނެވެ.
ދުނިޔޭގެ ޙާލަތާމެދު ފުންކޮށް ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށް މި ޙަޤީޤަތް ވަރަށް ސާފުކޮށް ފަހުމުވާނެއެވެ. އެހެންކަމުން، ތައުޙީދާއި، ސުންނަތާއި، އަދި ޞަޙާބީންގެ މަގުގެ އަގުވައްޓާލައި، އެކަންކަމަށް ފަރުވާކުޑަކުރާ މީހާ އެ ނިކަމެތިކޮށްލަނީ ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތެވެ. ވީމާ، އެފަދަ މީހުންނާމެދު ސަމާލުވެ ރައްކާތެރިވާށެވެ! އަދި ޝިރުކާއި، ބިދުޢައާއި، މުއުމިނުން (ޞަޙާބީން) ގެ މަގާ ޚިލާފުވުމަށް ގޮވާލައި، މި މަތިވެރި ނިޢުމަތްތަކާ އިދިކޮޅަށް ގޮވާލާ މީހުންގެ ކިބައިން އިންތިހާއަށް ސަމާލުވެ ރައްކާތެރިވާން ޖެހޭނެއެވެ. ޙަޤީޤީ ބުއްދިވެރިޔަކީ، ތިމާއަކީ މި ސާފުސީދާ މަންހަޖުގެ މަތީގައި ﷲ އަށް ކިޔަމަންތެރިވާ މުސްލިމަކަށް ވީކަން އެއީ އެންމެ ބޮޑު ނިޢުމަތްކަން ދެނެގަނެ، އެކަމަށްޓަކައި ހިތުގެ އަޑިން އެކަލާނގެއަށް ޝުކުރުވެރިވާ މީހާއެވެ.
ކޮމެންޓްތައް
0