މެނޫ
ލިންކުތައް
Telegram YouTube Facebook
ޤުރްއާނާއި ސުންނަތް ސަލަފުންނާއި އެއްގޮތަށް
September 3, 2026
މުސްލިމް  ވެރިންނާ ދެކޮޅަށް ނުކުތުމަކީ އެންމެ ފަސާދަބޮޑު، އެންމެ ނުބައި ބިދުޢަތަކުގެ ތެރެއިން ހިމެނޭ ކަމެއް – ޝައިޚް އިބްނު ޢުޘައިމީން

މުސްލިމް  ވެރިންނާ ދެކޮޅަށް ނުކުތުމަކީ އެންމެ ފަސާދަބޮޑު، އެންމެ ނުބައި ބިދުޢަތަކުގެ ތެރެއިން ހިމެނޭ ކަމެއް – ޝައިޚް އިބްނު ޢުޘައިމީން

⏱ 3 މިނެޓް ކިޔަން 640 މީހުން ކިޔާފައިވޭ

ﷲ ގެ ފޮތާއި، ﷲ ގެ ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތަށް، އަދި ޢަޞްޙާބުންގެ މަގަށް ތަބާވުމަށް ﷲ ތަޢާލާ އަދި އެކަނލާނގެ ނަބިއްޔާ (صلى الله عليه وسلم) ވަނީ މުޅި އުންމަތަށް ޢާއްމު އިރުޝާދެއް ދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް ގަދައަޅައި ބާރުއަޅުއްވާފައިވެއެވެ. ޤުރުއާނާއި ސުންނަތަށް ތަބާވުމުގެ މުހިންމުކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ﴾ (النساء: 59)

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ކިޔަމަންވާށެވެ!”

ދީނުގެ ކަންކަމުގެ ތެރެއިން އެންމެ ނުބައިވެގެންވާ ކަންކަމަކީ ދީނަށް އަލަށް އުފައްދާ ކަންކަން (ބިދުޢަތައް) ކަމުގައި ނަބިއްޔާ (صلى الله عليه وسلم) ވަނީ އިންޒާރު ދެއްވާފައެވެ. މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަކީ (ޚުރޫޖުވުމަކީ) ޚަވާރިޖުން އުފެއްދި ނުބައިވެގެންވާ ބިދުޢައިގެ ތެރެއިންވާ ކަމެކެވެ. މުސްލިމުން މިފަދަ ބިދުޢަތަކާމެދު އިންތިހާއަށް ސަމާލުވެ، ރައްކާތެރިވާން ޖެހޭނެއެވެ.

މިފަދަ ބިދުޢަތަކަކީ ﷲ ގެ ޝަރީޢަތް ބަދަލުކޮށް، އަދި އެ ބަދަލުކުރި ގޮތަކީ ﷲ ގެ ޝަރީޢަތްކަމުގައި ބުނެ ﷲ އަށް ނިސްބަތްކުރުމެވެ. މިއީ “ޝަރީޢަތް ތަބްދީލުކުރުން” (އެބަހީ: ބަދަލުކޮށް އޮޅުވާލުން) ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله) ބަޔާންކުރައްވާފައިވާ ގޮތުގައި، ﷲ ގެ ޝަރީޢަތް މިފަދައިން ތަބްދީލުކުރާ މީހުންނަކީ ކާފިރުންނެވެ.

ގިނަ ޢިލްމުވެރިން ޚަވާރިޖުންނަކީ ކާފިރުން ކަމުގައި ދެކެވަޑައިގަންނަވަނީ މި ނަޒަރުންނެވެ. ސަބަބަކީ، އެމީހުން ﷲ ގެ ޤާނޫނާއި ޙުކުމްފުޅުތައް ބަދަލުކޮށް، އެ ބަދަލުކުރި ޙުކުމްތަކަކީ ﷲ ގެ ޙުކުމްކަމުގައި ހަދައި، ﷲ އާމެދު ދޮގުހަދައި އެ ﷲ އަށް ނިޞްބަތް ކުރާތީއެވެ. މިއީ އަހުލުކިތާބީން (ޔަހޫދީންނާއި ނަޞާރާއިން) ތައުރާތު ބަދަލުކޮށް، އެ ބަދަލުކުރި އެއްޗަކީ ﷲ ގެ ބަސްފުޅު ކަމަށާއި ﷲ ގެ ޙުކުމްކަމުގައި ބުނެ އުޅުނު ފަދައިން ކުރާ ކަމެކެވެ. ނަމަވެސް ހިތާމައަކީ، ޝައިޚުލް އިސްލާމް އެ ވިދާޅުވާ “ޝަރީޢަތް ތަބްދީލުކުރުން” ނުވަތަ ބަދަލުކުރުމުގެ ޙަޤީޤީ މާނަ މިއަދުގެ ގިނަ ޚަވާރިޖުންނަކަށް ނުވިސްނޭކަމެވެ.

މި މައުޟޫޢުގައި ޚަވާރިޖުންނަށް ރައްދުދެއްވައި ޝައިޚް އިބްނު ޢުޘައިމީން (رحمه الله) ވިދާޅުވެފައިވެއެވެ.

والخروج على الإمام لا شك أنه من أفسد البدع وأخبثها وأشرها وما تمزقت الأمة إلا بالخروج على أئمتها. والعجب أن هؤلاء الذين خرجوا على الأئمة أن ظاهرهم الصلاح وينادون بالصلاح وينادون بالإصلاح حتى أن الرسول عليه الصلاة والسلام أخبر أن الصحابة يحتقرون صلاتهم عند صلاتهم وقراءتهم عند قراءتهم ولكن إيمانهم والعياذ بالله لا يتجاوز الحناجر نسأل الله العافية.

“އަދި ވެރިމީހާއާ ދެކޮޅަށް ނުކުތުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި އެއީ ބިދުޢަތަކުގެ ތެރެއިން އެންމެ ފަސާދަބޮޑު، އޭގެ ތެރެއިން އެންމެ ހުތުރު، އަދި އެންމެ ނުބައި ބިދުޢައެވެ. އަދި މި އުންމަތް ބައިބައިވެގެން ދިޔައީ އެ އުންމަތުގެ ވެރިންނާ ދެކޮޅަށް ނުކުތުމުގެ ސަބަބުން މެނުވީ ނުވެއެވެ. އަޖައިބުވެ ހައިރާންވާންޖެހޭ ކަމަކީ، ވެރިންނާ ދެކޮޅަށް ނުކުތް މީހުންގެ ފުށުން ފެންނަފެނުމުގައި ވަނީ (ބޭރުފުށުން ފެންނަނީ) ރަނގަޅުކަމެވެ. އަދި އެމީހުން ގޮވާލަނީ (ބޭރުފުށުން ފެންނަ ފެނުމަށް މުންކަރު މަނާކުރުމަށް ދައްކައި) ރަނގަޅުކަމަށެވެ. އަދި އެމީހުން ގޮވާލަނީ (ނަމުގައި މުންކަރާތުން މުޖްތަމަޢު) އިޞްލާޙުކުރުމަށެވެ. އެކަން އެހާހިސާބަށް ދިޔައީ، ޞަޙާބީން އެބޭކަލުންގެ އަމިއްލަ ނަމާދާއި ޤުރުއާން ކިޔެވުންވެސް، އެމީހުންގެ (ވެރިންނާ ދެކޮޅަށް ނުކުތް ޚަވާރިޖުންގެ) ނަމާދާއި ކިޔެވުމާ އަޅާބަލާއިރު ކުޑަކަމަށް (ދަށްކަމަށް) ދެކެވަޑައިގަންނަވާނެކަމަށް ރަސޫލުﷲ (عليه الصلاة والسلام) ޚަބަރުދެއްވި ހިސާބަށެވެ. އެހެނަސް އެމީހުންގެ އީމާންކަން (ﷲ ގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ.) އެމީހުންގެ ކަރުތާވަޅުން ތިރިއަކަށް ނުދާނެއެވެ. އަޅަމެންނަށް ސަލާމަތްތެރިކަން ދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ.”


އޯޑިއޯ: ޞަޙީޙުލް ބުޚާރީގެ ޝަރަޙަ ކިތާބުލް އަޛާން އިން، ކެސެޓު 7.

އެހެންކަމުން، މި ނުބައިވެގެންވާ ބިދުޢައަށް (އެބަހީ: މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަށް ނުވަތަ ޚުރޫޖުވުމަށް) ގޮވާލާ އެއްވެސް މީހަކު ފެނިއްޖެނަމަ، އެމީހަކާ މެދު އިންތިހާއަށް ސަމާލުވެ ރައްކާތެރިވާށެވެ! އެއީ ކޮންމެ ފަދަ ޝައިޚަކަށް ވިޔަސް، ނުވަތަ ދީނަށް ގޮވާލާ ކޮންމެ ފަދަ ދާއީއަކަށް ވިޔަސް މެއެވެ. އަދި އެމީހަކީ މުޅި ޤުރުއާނާއި ހުރިހާ ޙަދީޘްތަކެއް ހިތުދަސްކޮށްގެން ހުރި މީހަކަށް ވީނަމަވެސް، އެއީ ﷲ ގެ ދީނަށް އައު ކަންތައްތަކެއް ގެނެސްފައިވާ، މަގުފުރެދިފައިވާ މުބްތަދިޢެކެވެ. ބިދުޢަވެރިއެކެވެ.

ކޮމެންޓްތައް

0
މި ލިޔުމަށް ކޮމެންޓް ލިޔުމަށް ބަންދުކޮށްފައިވެއެވެ.
އަދި ކޮމެންޓެއް ނެތެވެ.