ދަޢުވަތު ދިނުމަކީ ހަމައެކަނި ޢިލްމުވެރިންގެ މަސައްކަތެއްތަ؟ ޢާންމު މީހާއަށްވެސް ދީނަށް ގޮވައިލެވިދާނެ!! - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ހެޔޮކަންކަން ޢަމުރުކޮށް ނުބައިކަންކަން މަނާކޮށް ދަޢުވަތު ދިނުމަކީ ޢާންމު މީހުންނަށް ވެސް އޮތް ވާޖިބެއް، އެއީ ހަމައެކަނި ޢިލްމުވެރިންނާއި، ކިޔަވައިގެން ސެޓްފިކެޓް ނަގައިގެން ތިބި މީހުންނަށް އޮތް ކަމެއް ނޫނެވެ.
އިމާމް އިބްނު ބާޒް رحمه الله އާއި ސުވާލު ކުރެވުނެވެ.
هل يمكن لكل مسلمٍ أن يكون داعياً للخير، ويقوم بتوجيه الناس، ذلكم أني أرى بعض الناس يعترض على من يفعل ذلك، ويقول: أنت لست عالماً، فالتزم الصمت؟ فهل الذي يدعو إلى الله هم العلماء فقط، جزاكم الله خيراً؟
"ކޮންމެ މުސްލިމަކަށްމެ، ހެޔޮކަމަށް ގޮވައިލާ ދާޢީއަކަށްވެ، މީހުންނަށް މަގުދައްކައި އިރުޝާދު ދެވިދާނެތޯއެވެ؟ އެހެނީ، އެފަދައިން ކަންކުރާ މީހުންނަށް ބައެއް މީހުން އިޢުތިރާޟުކޮށް (އިންކާރުކޮށް): 'ތިބާއަކީ ޢިލްމުވެރިއެއް ނޫނެވެ، އެހެންވީމާ ހަނުހުންނާށެވެ!' މިފަދައިން ބުނާތީ ތިމަންނާއަށް ފެނެއެވެ. ފަހެ، الله ގެ މަގަށް ދަޢުވަތު ދޭނީ ހަމައެކަނި ޢިލްމުވެރިންތޯއެވެ؟ الله ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ."
އިމާމް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ.
"ކޮންމެ މީހެއްގެ ކިބައިގައި (ޝަރުޢީ) އިލްމެއް ވާނަމަ، އެކަމަކަށް އެމީހަކު (އެ ޢިލްމަށް މީސްތަކުންނަށް) ދައުވަތު ދޭންވާނެއެވެ. އެމީހެއްގެ ކިބައިގައި ކަމަކާ މެދު އިލްމާއި ބަޞީރަތް ހުރިނަމަ، އެކަމަކަށް އެމީހަކު (އެއަށް) ދައުވަތު ދޭންވާނެއެވެ. އެއީ އެމީހަކީ އިލްމުވެރިންގެ ތެރެއިން ހިމެނޭ ބޭފުޅަކު ކަމުގައި ނުވި ނަމަވެސްމެއެވެ. ނަމަވެސް، އެއީ އެމީހަކަށް އެނގިފައިވާ އިންތަކުގެ ތެރޭގައެވެ.
މިސާލަކަށް ޒިނޭއިން ސަލާމަތްވުމަށް އިންޒާރު ދިނުމެވެ. ޒިނޭއަކީ (އޭގެ ހުކުމް) އެންމެނަށް އެނގި ބަޔާންވެގެންވާ ކަމެކެވެ. އަދި ލިވާޠު ކުރުމާއި، ރާބުއިމުން ސަލާމަތްވުމަށް އިންޒާރު ދިނުމެވެ. ރާބޯ މީހާ މާތް الله އަށް ތައުބާވުމަށް ގޮވައިލުމެވެ. މިއީ (މިފަދަ ކަންކަމުގައި ނަސޭހަތް ދިނުމަކީ) ހަމައެކަނި އިލްމުވެރިންނަށް އޮތް ކަމެއް ނޫނެވެ. މިއީ އާންމު މީހުންނާއި ހާއްސަ މީހުންނަށްވެސް (އިލްމުވެރިންނަށްވެސް) އެނގި ބަޔާންވެގެންވާ ކަންކަމެވެ.
އަދި ޣީބަ ބުނުމާއި ނަމީމާ (ދޭތެރެޖެއްސުން) ފަދަ ކަންކަމުން އިންޒާރު ދިނުމެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް މީހުންނަށް ބާރުއެޅުމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަށާއި، މައިންބަފައިންނަށް އުރެދި ނުކިޔަމަންތެރި ނުވުމަށް މީހުންނަށް ހިތްވަރު ދިނުމެވެ. މިއީ ހާއްސަ މީހުންނަށާއި އާންމުންނަށްވެސް އެނގި ބަޔާންވެގެންވާ ކަންކަމެވެ.
ނަމަވެސް، އެމީހަކަށް އޮޅުންނުފިލާ ކަންކަމާއި، އެކަމާ މެދު އެމީހެއްގެ ކިބައިގައި އިލްމެއް ނެތް ކަންކަމުގައި ވާހަކަދައްކައިގެން ނުވާނެއެވެ. އެމީހަކަށް އެނގިފައި ނުވާ ކަމަކާ މެދު ވާހަކަދެއްކުން އެމީހަކަށް (ޢިލްމުވެރިޔަކަސް، ކިޔާވާ ކުއްޖަކަސް އަދި ޢާންމީއަކަސް) ހުއްދަވެގެން ނުވެއެވެ. އާދެއެވެ."
[ނޫރުން އަލައްދަރުބު / 310]
އަބޫ އިޔާޟް ލިޔެފައިވެއެވެ. "ޙައްޤު އެނގިފައިވާ ކޮންމެ މީހަކު، އެކަމެއްގައި ޙައްޤު ގޮތް ސާފުވެ ބަޔާންވެފައިވާ ނަމަ، އަދި އެކަމާ މެދު އޭނާގެ ކިބައިގައި ބަޞީރަތްތެރިކަން ހުރެ، އޭގެ ދަލީލުތައް އެނގޭ ނަމަ، ފަހެ، އޭނާ އެކަމަކަށް ދަޢުވަތު ދޭންވާނެއެވެ.
ވާޖިބުތަކަކީ ކޮބައިކަން ބަޔާންވެ އެނގެން އެބައޮތެވެ. ޙަރާމް ކަންކަމަކީ ކޮބައިކަން ބަޔާންވެ އެނގެން އެބައޮތެވެ. ޢަޤީދާގެ ކަންކަމާއި ތައުޙީދުގެ ކަންކަމަކީ ސާފުކޮށް ބަޔާންވެގެންވާ ކަންކަމެވެ. ޤުރުއާނާއި ސުންނަތުން އަދި މުސްލިމް ޢިލްމުވެރިންގެ ބަސްފުޅުތަކުން، ދަލީލުތައް ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ މިފަދަ ހުރިހާ ކަމެއްގައި، މީހަކަށް އެކަމުގެ ޢިލްމު ލިބިފައިވާ ނަމަ އަދި އެކަން އޭނާއަށް ސާފުވާ ނަމަ، ފަހެ، އޭނާ ޙިކުމަތާއި ރީތި އަޚުލާޤާއެކު އެކަމަކަށް ދަޢުވަތު ދޭންވާނެއެވެ.
އެހެންކަމުން، ކޮންމެ މުސްލިމަކީވެސް، އޭނާއަށް އެނގިފައިވާ ހެޔޮ ކޮންމެ ކަމަކަށް ގޮވައިލާ ދާޢީއެކެވެ. އޭނާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރާނެއެވެ. އޭރުން ހެޔޮކަން ފެތުރި، ނުބައިކަންކަން މަދުވެގެންދާނެއެވެ. އެހެންކަމުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމުގެ މަސްއޫލިއްޔަތަކީ ހަމައެކަނި ޢިލްމުވެރިންނަށް އޮތް ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހެޔޮކަމަކީ ކޮބައިކަން އަދި ނުބައިކަމަކީ ކޮބައިކަން އެނގޭ ކޮންމެ މީހަކަށްމެ އޮތް ކަމެކެވެ. އެއީ އޭނާގެ ޢިލްމުގެ އިންތަކުގެ ތެރޭގައި ދެމިހުރިހާ ހިނދަކުއެވެ."
( bin-baz-call-knowledge-insight )
⯑️ قال الإمام ابن باز : كل مَن عِنده عِلم يَدعو إليه، إذا كان عنده عِلم وبصيرة في شيء يدعو إليه، ولو كان ليس من العلماء، لكن في حدود علمه، مثل ما يحذر من الزنا، الزنا معروف، يحذر من اللواط، يحذر من الخمر، يدعو من يشرب الخمر إلى التوبة إلى الله، هذا ما يحتاج علماء، هذا معروف عند العامة والخاصة، يحذر من الغيبة والنميمة، يحث الناس على الصلاة في الجماعة في المساجد، يحث الناس على بر الوالدين، وصلة الرحم وعدم العقوق، هذه أمور معلومة للخاص والعام، لكن المسائل التي تخفى عليه، وليس عنده فيها علم لا يتكلم فيها، ما يجوز له أن يتكلم في شيء لا يعلمه. نعم. [نور على الدرب / ٣١٠]
عدم حصر الدعوة في فئة معينة ومن هو العالم - موقع الشيخ ابن باز