ދަޢުވަތު ދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް

ޢާންމު ކޮންމެ މުސްލިމަކަށްވެސް، އޭނާއަށް ބަޞީރަތާއި ޢިލްމު ލިބިފައިވާ ދީނުގެ ކަންކަމަށް ދަޢުވަތު ދެވޭނެ - الشيخ العلامة محمد بن صالح العثيمين رحمه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ދަޢުވަތު ދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް

 


ސުވާލު: الله ގެ މަގަށް ދަޢުވަތު ދިނުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ވާޖިބު ކަމެއްތޯއެވެ؟ ނުވަތަ އެއީ ހަމައެކަނި ޢިލްމުވެރިންނާއި ޢިލްމު އުނގެނޭ ދަރިވަރުންނަށް އެކަނި ޚާއްޞަވެގެންވާ ކަމެއްތޯއެވެ؟ 

الشيخ العلامة محمد بن صالح العثيمين رحمه الله

ޖަވާބު: އިންސާނާ (ޢާންމު މީހަކުވިޔަސް) އެކަމަކަށް ދަޢުވަތުދޭ ކަމެއްގައި ބަޞީރަތްތެރިކަން (ސާފު ޢިލްމު) ހުރިނަމަ، އެމީހަކީ އެމީހަކަށް އިޝާރާތްކުރެވޭ ފަދަ ބޮޑު ޢިލްމުވެރިއަކަށް ވުމާއި، ނުވަތަ ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރާ ދަރިވަރަކަށް ވުމާއި، ނުވަތަ އެ މައްސަލައެއްގައި ޔަޤީން ޢިލްމު ލިބިފައިވާ ޢާންމު މީހަކަށް ވުމާ ދެމެދު (މިކަމުގައި) އެއްވެސް ތަފާތެއް ނެތެވެ. ފަހެ، ހަމަކަށަވަރުން ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.

بَلِّغُوا عَنِّي وَلَوْ آيَة (މާނައީ: "ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން އެންމެ އާޔަތެއް ނަމަވެސް ފޯރުކޮށްދޭށެވެ.")

އަދި ދަޢުވަތުދޭ މީހާ (ދާޢީ)، ޢިލްމުގެ ގޮތުން މަތިވެރި ދަރަޖައަކަށް ވާޞިލުވުން އެއީ ޝަރުޠެއް ނޫނެވެ. ނަމަވެސް، އޭނާ އެ ދަޢުވަތުދޭ ކަމެއްގެ މައްޗަށް ޢިލްމުވެރިއަކަށް (އެކަން އެނގޭ މީހަކަށް) ވުން ޝަރުޠުވެގެންވެއެވެ. އެހެނަސް، ޖާހިލުކަމުގެ މައްޗަށް ހުރެ، އަދި އޭނާގެ ކިބައިގައި ހުރި ޢާޠިފީ (ޖަޒުބާތީ) އިޙްސާސެއްގެ މައްޗަށް ބިނާކޮށް ދަޢުވަތު ދޭން ތެދުވުމާމެދު ބުނާނަމަ، ފަހެ، އެއީ ހުއްދަ ކަމެއް ނޫނެވެ."

ޢައްލާމާ އިބްނު ޢުޘައިމީން [ތަޢާވުން އަލް-ދުޢާތު ވަ އަޘަރުހޫ ފިލް މުޖުތަމަޢު - ޞ. 32]

السؤال : هل الدعوة إلى الله واجبة على كل مسلم ومسلمة، أم تقتصر على العلماء وطلاب العلم فقط ؟

الجواب : إذا كان الإنسان على بصيرة فيما يدعو إليه، فلا فَرق بين أن يكون عالمًا كبيرًا يُشار إليه أو طالِب علم مُجِدًّا في طَلبه أو عامّيًا لكنه عَلِمَ المسألة عِلماً يَقينياً، فإنَّ الرسول - صلى الله عليه وسلم - يقول : «بَلِّغُوا عَنِّي وَلَوْ آيَة»، ولا يُشتَرط في الداعية أن يَبلُغ مَبلغاً كَبيرًا في العِلم، لكن يُشترط أن يكون عالماً بما يدعو إليه، أما أن يقوم عن جهل و يدعو بناء على عاطِفة عِنده = فإنَّ هذا لا يَجوز. العلامة ابن عثيمين [تعاون الدعاة وأثره في المجتمع - صـ ٣٢]

 

ޢިލްމުވެރިންގެ ބަސްފުޅުތަކާ ހަވާލާދިނުމާއި އެ ބަސްފުޅުތައް ނަކަލުކޮށް ފެތުރުމަކީ ޢާންމު މީހުންނަށް ހުއްދަ ކަމެއް

الشيخ العلامة محمد بن صالح العثيمين رحمه الله

ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް-ޢުޘައިމީން رحمه الله ވިދާޅުވިއެވެ.

"ފަހެ، 'އެވެނި މިވެނި ޝައިޚަކު މިފަދައިން ވިދާޅުވި' ކަމަށް ބުނުމާއި، (ޢިލްމުވެރިޔާއަށް) ނިސްބަތްނުކޮށް ފަތުވާ ދިނުމާ ދެމެދު ތަފާތެއް ވެއެވެ. ފުރަތަމަ ގޮތުގައި އޭނާ ވާނީ (ބަސް) ނަކަލުކުރާ މީހަކަށެވެ. ނަމަވެސް، އެ ބަސް ޢިލްމުވެރިޔާއަށް ނިސްބަތްނުކޮށް ފަތުވާ ދޭނަމަ، ފަހެ، އިންސާނާ ދަލީލާއި، ދަލީލުން ޙުކުމް ނެރޭނެ ގޮތް (އިސްތިދްލާލް) ދަންނަން ޖެހެނީ، އަދި މުޅިން މުޖުތަހިދަކާ އެއްފަދަވާން ޖެހެނީ މި ޙާލަތުގައެވެ.

ބަހެއް ޢިލްމުވެރިއަކަށް ނިސްބަތްކުރުމާއި، އެ ބަސް ޢިލްމުވެރިއަކަށް ނިސްބަތްނުކޮށް އެ ޢިލްމުވެރިޔާގެ ބަހުގެ މައްޗަށް ބިނާކޮށް ފަތުވާ ދިނުމާ ދެމެދު ތަފާތެއް ވެއެވެ. ފަހެ، ފުރަތަމަ ކަމަކީ (އެބަހީ: ޢިލްމުވެރިއަކަށް ނިސްބަތްކޮށް ބަސް ނަކަލުކުރުމަކީ) އެއީ ޚަބަރުދިނުމާއި ފޯރުކޮށްދިނުމެވެ. އަދި އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. މުފްތީ އެފަދައިން ވިދާޅުވިކަން ކަށަވަރުކުރުން ފިޔަވައި (އިތުރު އެހެން ކަމެއް ނެތެވެ). ނަމަވެސް ދެވަނަ މީހާ ބެލެވޭނީ މުޖުތަހިދު މުފްތީއެއްގެ ގޮތުގައެވެ. އަދި މުޖުތަހިދު މުފްތީއަކީ، ކޮންމެހެންވެސް ދަލީލު ދަންނަންޖޭނެ، އަދި ދަލީލުން ޙުކުމް ނެރޭނެ ގޮތް ދަންނަންޖެހޭނެ، އަދި ޚިލާފުވާ މީހަކު ހުރިނަމަ އެމީހެއްގެ ދަލީލުތަކަށް ޖަވާބުދޭން އެނގެންޖެހޭނެ މީހެކެވެ."

 [ލިޤާއު އަލް-ބާބު އަލް-މަފްތޫޙް 24]

قال الشيخ محمد بن صالح العثيمين رحمه الله:

»فهناك فرق بين أن يقول: قال الشيخ الفلاني كذا وكذا، فيكون ناقلًا، وبين أن يفتي بدون أن ينسبه إلى العالم، فهذا هو الذي يحتاج إلى أن الإنسان يعرف الدليل والاستدلال ويكون كالمجتهد تمامًا.

هناك فرق بين نسبة القول إلى العالم وبين أن يفتي به اعتمادًا على قول عالم بدون أن ينسبه إليه، فالأول مخبر ناقل وليس فيه شيء إلا أن يتأكد أن المفتي قال كذا وكذا، وأما الثاني فيعتبر مفتيًا مجتهدًا، والمفتي المجتهد لا بد أن يعرف الدليل ويعرف الاستدلال ويجيب عن أدلة المخالف إذا كان هناك مخالف. «
]
لقاء الباب المفتوح ٢٤
[

ތަޢުލީޤުތައް:

އިސްލާމްދީނަކީ އިންސާނިއްޔަތަށް ފޮނުއްވުނު އެންމެ ފުރިހަމަ ހިދާޔަތެވެ. މި ދީނުގެ މަތިވެރި މެސެޖު އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ހަމައެކަނި ވަކި ބަޔަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައްޔާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އިސްލާމްދީނަށާއި ސަލަފިއްޔަތަށާއި ސުންނަތަށް ނިސްބަތްވާ ކަމަށް ދަޢުވާކުރާ މީހުންގެ މެދުގައި ބައެއް ކަންކަމުގައި އޮޅުންތަކެއް ވަނީ އުފެދިފައެވެ. ވަކިން ޚާއްޞަކޮށް، ސަލަފުއްޞާލިޙުންގެ މަގަށް ތަބާވާކަމަށް ދަޢުވާކުރާ "ސަލަފީން ކަމަށް" ބުނާ ބައެއް މީހުންގެ ފަރާތުން ފެންނަ ބައެއް ކަންކަމަކީ ހިތާމަހުރި ކަންކަމެވެ.

ޙައްޤު ބަސް ބުނެ، އަހުލުއްސުންނަ ވަލްޖަމާޢަތުގެ ބޮޑެތި ޢިލްމުވެރިންގެ ފަތުވާތަކާއި ބަސްފުޅުތައް ފަތުރަން ފެށުމުން، ބައެއް މީހުންނަށް އެކަމުގެ ނުފޫޒު ފޯރައި، އެކަން ހުއްޓުވުމަށް އެކި ބަހަނާތައް ދައްކަން ފަށައެވެ. "އޭނާއަކީ މަދީނާ ޔުނިވަރސިޓީން ކިޔެވި މީހެއް ނޫނޭ"، "އޭނާގެ އަތުގައި ސެޓްފިކެޓެއް ނެތޭ"، ނުވަތަ "ދީނީ ވާހަކަ ދެއްކުމުގެ ހުއްދައެއް ނެތޭ" ބުނެ، ހައްޤުބަސް ފެތުރުމުގެ މަސަކަތް ހުއްޓުވަން މަސައްކަތް އެބަކުރެއެވެ. ނަމަވެސް، ވިސްނާލަންޖެހޭ ކަމަކީ، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ މާތް ﷲ ކޮންމެ މުސްލިމަކަށްމެ ކުރައްވާފައިވާ އަމުރެއް ކަމެވެ. ﷲ ވާހަކަދައްކަވާ ބަސްފުޅު ވިދާޅުވެ ވަޙީކުރެއްވިއެވެ.

﴿ كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ﴾ [ آل عمران: 110]

މާނަ: "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާން ވީނަމަ، އެ މީހުންނަށް އެ ގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެ މީހުންގެ ތެރެއިން އީމާން ވެގެން ތިބި މީހުންވެއެވެ. އަދި އޭގެ ތެރެއިން ގިނަމީހުންނީ ފާސިގުންނެވެ."

މި އުއްމަތް އެންމެ މަތިވެރި އުއްމަތަކަށް ވެގެންދަނީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުންނެވެ. އަދި އަނިޔާވެރި މީހާގެ އަނިޔާވެރިކަން ހުއްޓުވުމުންނެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތައް ނަކަލުކޮށްދިނުމުން، "މިއުޅެނީ ޝޭޚަކަށް ވާންވެގެންނޭ" ބުނެ މަލާމާތްކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. ޙައްޤު ބަސް ބުނުމުން އެކަމާ ދެކޮޅު ހަދާ މީހުން އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. އެމީހުން އުނގެނުނު ސަލަފިއްޔަތަކީ އަދި ޢަޤީދާއަކީ މިއީތޯއެވެ؟ ﷲ ގެ މަގަށް ދަޢުވަތު ދިނުމަކީ ހަމައެކަނި ޢިލްމުވެރިންނަށް އޮތް ކަމެއްތޯ ކުރެވޭ ސުވާލަށް ޢިލްމުވެރިން ދެއްވާ ޖަވާބު ވަރަށް ސާފެވެ. ޢައްލާމާ އިބްނު ޢުޘައިމީން رحمه الله ބަޔާންކުރައްވާފައިވާ ގޮތުގައި، އިންސާނާ އެކަމަކަށް ދަޢުވަތުދޭ ކަމެއްގައި ސާފު ޢިލްމު (ބަޞީރަތްތެރިކަން) ހުރިނަމަ، އެމީހަކީ ބޮޑު ޢިލްމުވެރިއަކަށް ވުމާއި، އާދައިގެ މީހަކަށް ވުމާ ދެމެދު ތަފާތެއް ނެތެވެ.

ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ:

«بَلِّغُوا عَنِّي وَلَوْ آيَة»

(މާނައީ: "ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން އެންމެ އާޔަތެއް ނަމަވެސް ފޯރުކޮށްދޭށެވެ.")

މިއީ ކޮންމެ މީހަކަށްމެ އޮތް ޢާންމު އަމުރެކެވެ.ދަޢުވަތުދޭ މީހާ ޢިލްމުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވުމަކީ ޝަރުޠެއް ނޫނެވެ. އެހެނަސް، އޭނާ ދައްކާ ވާހަކައަކީ އޭނާއަށް އެނގޭ، ޔަޤީންކަން އޮތް ކަމަކަށް ވާންޖެހޭނެއެވެ. ޖާހިލުކަމުގެ މަތީގައި ހުރެ، ހަމައެކަނި ޖަޒުބާތެއްގެ މައްޗަށް ބިނާކޮށް ދަޢުވަތު ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. މީގެ އިތުރުން، ޢިލްމުވެރިންގެ ބަސްފުޅުތަކާއި ފަތުވާތައް ނަކަލުކޮށް ފެތުރުމަކީ ޢާންމު މީހުންނަށް ހުއްދަ ކަމެކެވެ. އެއީ ޚަބަރު ފޯރުކޮށްދިނުމެވެ. މިކަމުގައި ސަމާލުވާންޖެހޭނެ ހަމައެކަނި ކަމަކީ، އެ ޢިލްމުވެރިޔަކު އެފަދައިން ވިދާޅުވިކަން ކަށަވަރު ކުރުމެވެ.

ވީމާ، ދީނުގެ ކަންކަން އެހެން މީހުންނަށް ބުނެދީ، ހެޔޮ މަގަށް ގޮވައިލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ސެޓްފިކެޓެއް ނެތުމަކީ ނުވަތަ ވަކި ޔުނިވަރސިޓީއަކުން ނުކިޔެވުމަކީ ޙައްޤު ބަސް ފޯރުކޮށްދިނުމަށް އޮތް ހުރަހެއް ނޫނެވެ. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންޖެހޭނީ އިޚްލާޞްތެރިކަމާއެކު، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި މުޖުތަމަޢު އިޞްލާޙުކުރުމަށް މަސައްކަތް ކުރުމެވެ.