ސަލަފުއްޞާލިޙުންގެ މަންހަޖާއި، ހަޖުރުކުރުމާއި ސަލާމުގެ ބާބުން އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންނަށް ބޭއިޚްތިޔާރުގައި ވެވިފައިވާ ކުށްތަކުގެ މެދުގައިވާ ފުރްޤާން

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ލިޔުން

މި ރިސާލާ އެކުލަވައިލުމުގެ އެންމެ އިސް އަދި އެންމެ ފުރަތަމަ މަޤްޞަދަކީ، ޚުދު އަޅުގަނޑުގެ އަމިއްލަ ނަފްސު އިޞްލާޙުކޮށް، ފާއިތުވި ތަނުގައި ދަޢުވަތުގެ މައިދާނުގައި ކުރެވިފައިވާ ކުށްތަކުން ﷲ ގެ ޙަޟްރަތަށް ތައުބާވެ ރުޖޫޢަވުމެވެ. އެއަށްފަހު، އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަޞްލު ކަމުގައިވާ ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގެ (الْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنِ الْمُنْكَرِ) ވާޖިބު އަދާކުރުމެވެ. މިއަދު ދަޢުވަތުގެ ނަމުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ހަރުކަށި ހައްދުފަހަނައަޅާފައިވާ (غُلُوّ) ޢަމަލުތަކުން ޙަޤީޤީ ސަލަފީ މަންހަޖު ބަރީޢަކޮށް ދިފާޢުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިއީ އަޅުގަނޑު ފަދައިން ސަލަފީން ކަމަށް ދަޢުވާކުރާ އެންމެހާ އަޚުންނަށް ދެވޭ އިޚްލާޞްތެރި ނަޞޭހަތެކެވެ. ފަހެ ދަންނާށެވެ! ހަމައެކަނި ދުލުން "ސަލަފީއެކޭ" ބުނުމާއި، ޢަމަލާއި ބަހުން ޙަޤީޤީ ސަލަފިއްޔަތަށް ތަބާވުމާ ދެމެދު ބޮޑުވެގެންވާ ފަރަޤެއް ވެއެވެ.

މި ލިޔުން ބިނާވެގެންވަނީ މައިގަނޑު ތިން އަޞްލެއްގެ މައްޗަށެވެ. ފުރަތަމައީ، މުއުމިނުންގެ މެދުގައި ސަލާމް ފެތުރުމާއި އުޚުއްވަތްތެރިކަން ޤާއިމުކުރުމުގެ ޝަރުޢީ މިންގަނޑެވެ. ދެވަނައީ، ފާއިތުވި ވިހި އަހަރުގެ ތެރޭގައި ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި، ޚާއްޞަކޮށް އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންގެ ފުށުން ފެނިފައިވާ 'ސަލާމް ނުކުރުމާއި' އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް 'ހަޖުރުކުރުމުގެ' (ބާކީކޮށްލުމުގެ) ނޭދެވޭ ޢަމަލުތައް ބަޔާންކުރާ ތާރީޚީ ޙަޤީޤަތްތަކެވެ. ތިންވަނައީ، ހަޖުރުކުރުމުގެ ޙަޤީޤީ މަޤްޞަދާއި އޭގެ މަޞްލަޙަތާ ބެހޭގޮތުން، ޝައިޚް ރަބީޢު ބިން ހާދީ رحمه الله ފަދަ ސަލަފީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި، ކީރިތި ޤުރުއާނާއި ސުންނަތުން ވާރިދުވެފައިވާ ޞައްޙަ ދަލީލުތައް ބަޔާންކުރުމެވެ.


 

الْفُرْقَانُ بَيْنَ مَنْهَجِ السَّلَفِ الصَّالِحِ وَمَا وَقَعَ فِيهِ أَبُو أَنَسٍ وَأَصْحَابُهُ مِنَ الْخَطَإِ فِي بَابِ التَّهَاجُرِ وَالسَّلَامِ

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، وَٱلصَّلَاةُ وَٱلسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ ٱلدِّينِ.

أَمَّا بَعْدُ:

فَنَسْأَلُ ٱللَّهَ تَعَالَى بِأَسْمَائِهِ ٱلْحُسْنَى وَصِفَاتِهِ ٱلْعُلَى أَنْ يَهْدِيَنَا جَمِيعًا إِلَى ٱلْحَقِّ، وَأَنْ يَرْزُقَنَا ٱلصِّدْقَ وَٱلْإِخْلَاصَ وَٱلْعَدْلَ وَٱلرِّفْقَ فِي ٱلْأَقْوَالِ وَٱلْأَعْمَالِ، وَأَنْ يُصْلِحَ ذَاتَ بَيْنِ ٱلْمُسْلِمِينَ، وَيَجْمَعَ قُلُوبَهُمْ عَلَى ٱلْكِتَابِ وَٱلسُّنَّةِ بِفَهْمِ ٱلسَّلَفِ ٱلصَّالِحِ.

وَبِهِ نَسْتَعِينُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّهِ ٱلْعَلِيِّ ٱلْعَظِيمِ. فَإِنَّ مَا كَانَ لِلَّهِ بَقِيَ، وَمَا كَانَ لِغَيْرِهِ ٱنْقَطَعَ وَٱنْقَضَى. وَقَدْ قَالَ ٱلْإِمَامُ مَالِكٌ رَحِمَهُ ٱللَّهُ: «مَا كَانَ لِلَّهِ بَقِيَ» أَيْ: مَا أُرِيدَ بِهِ وَجْهُ ٱللَّهِ وَأُخْلِصَ فِيهِ لَهُ، فَإِنَّهُ يَبْقَى وَيَدُومُ نَفْعُهُ وَأَثَرُهُ.

އިމާމް މާލިކް رحمه الله ވިދާޅުވިއެވެ. "އަށްޓަކައި ކުރެވުނު ކަމެއް (އެކަލާނގެ ޙަޟްރަތުގައި) ދެމިގެންދާނެއެވެ." އެބަހީ: ﷲ ނޫން އެހެން ފަރާތަކަށްޓަކައި، ނުވަތަ މީސްތަކުންގެ ތަޢުރީފު ހޯދުމަށް ނުވަތަ ދުނިޔެވީ މަޤްޞަދެއްގައި ކުރެވޭ ކޮންމެ ކަމެއްމެ، އެކަމެއް ވަރަށް އަވަހަށް ފަނާވެ، އޭގެ ބަރަކާތް ކެނޑިގެން ހިނގައިދާނެއެވެ. އެކަމެއްގެ އެއްވެސް އަސަރެއް ނުވަތަ ޘަވާބެއް ޤިޔާމަތް ދުވަހަކު ނޯންނާނެއެވެ. އެއަށްފަހު ލިޔަމެވެ.

 

ފުރަތަމަ ފަޞްލު: މުއުމިނުންގެ މެދުގައި ސަލާމް ފެތުރުމުގެ ޝަރުޢީ އަޞްލު

ފަހެ ދަންނާށެވެ! އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާއާއި މަންހަޖަކީ އިފްރާޠާއި (ހައްދުފަހަނައަޅައިދިއުމާއި) ތަފްރީޠުގެ (ފަރުވާކުޑަކުރުމުގެ) މެދުގައިވާ މެދުމިން، އިންޞާފުވެރި މަންހަޖެކެވެ. މާތްވެތި އިސްލާމްދީނަކީ އަމާންކަމާއި، އުޚުއްވަތްތެރިކަމާއި، އެކުވެރިކަމުގެ މަތިވެރި ނަމޫނާއެކެވެ. މި ދީނުގައި މުސްލިމް މުޖުތަމަޢުގެ މެދުގައި ލޯތްބާއި ކުލުނު އާލާކޮށްދޭ އެންމެ އަގުހުރި އެއް ވަޞީލަތަކީ 'ސަލާމް' ކުރުމެވެ. މާތް ނަބިއްޔާ ﷺ ގެ ސުންނަތުން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަނީ، ސަލާމް ފެތުރުމަކީ ﷲ ތަޢާލާގެ އިސްމުފުޅު ކަމުގައިވާ 'އައް-ސަލާމް' ފެތުރުން ކަމަށެވެ. މުއުމިނުންނަށް ހަނދާންކޮށްދިނުމަކީ އޭގެ މަންފާ ކުރާނެ ކަމަކަށް ވާތީ، ޤުރުއާނާއި ސުންނަތުގައި ސަލާމްކުރުމަށް ބާރުއަޅުއްވާފައިވާ މިންވަރު ބަޔާންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ﷲ سبحانه وتعالى ވާހަކަދައްކާ ވިދާޅުވެވޮޑިގަންނަވާ ވަޙީކުރެއްވިއެވެ.

﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ٨٦﴾ (سورة النساء: 86)

މާނައަކީ:"ތިޔަބައިމީހުންނަށް އެއްވެސްކަހަލަ ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ޙިސާބު ބައްލަވާ ކަލަކުކަމުގައި اللهُ تَعَالَى ވޮޑިގެންވެއެވެ."

ލޮބުވެތި އަޚުންނޭވެ! ކީރިތި ރަސޫލާ ﷺ ގެ މޫރިތި ސުންނަތުން އަޅުގަނޑުމެންނަށް ފެންނަން އޮތީ، މުސްލިމް މުޖުތަމަޢުގެ މެދުގައި ސަލާމް ފެތުރުމަށާއި، އެކަކު އަނެކަކަށް ހެޔޮއެދުމާއި އޯގާތެރިކަން އިސްކުރުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ މިންވަރެވެ. އެއްވެސް މީހަކު ތިބާގެ ސަލާމަށް ރައްދު ނުދިން ކަމުގައި ވިޔަސް، މާތްވެތި މަލާއިކަތް ބޭކަލުން ތިބާއަށް ސަލާމް ރައްދުކުރައްވާނެއެވެ. އެހެންކަމުން، ސަލާމް ގޮވުމުން އަނެކާ ރައްދު ނުކުރި ކަމުގައި ވިޔަސް، ސަލާމް އިސްކުރި މީހާއަށް އޭގެ އެއްވެސް ދެރައެއް ނުވަތަ އުނިކަމެއް ނެތެވެ. އޮތީ ހެޔޮ ދަރުމައާއި ބަރަކާތެވެ.

އެއީ ޞަޙަބީ عبدالله بن مسعود (رضي الله عنه) ރިވާކުރެއްވި، ނަބިއްޔާ ﷺ ގެ އަންނަނިވި ބަސްފުޅަށްޓަކައެވެ.

«السلامُ اسمٌ من أسماءِ اللهِ وضَعَهُ اللهُ في الأرضِ ، فأفْشُوهُ بينَكمْ ، فإنَّ الرجلَ المسلمَ إذا مَرَّ بقومٍ فسلَّمَ عليهم ، فردُّوا عليه ؛ كان لهُ عليهم فضلُ درجةٍ بتذكيرِهِ إيَّاهُمُ السلامَ ، فإنْ لمْ يرُدُّوا عليه رَدَّ عليه مَنْ هوَ خيرٌ مِنهمْ وأطْيبُ» - البخاري في ((الأدب المفرد)

«ހަމަކަށަވަރުން 'އައްސަލާމް' އަކީ اللهُ تَعَالَى ގެ ނަންފުޅުތަކުގެ ތެރެއިންވާ ނަފުޅެކެވެ. ﷲ އެ ނަންފުޅުވަނީ ބިމުގައި ލައްވާފައެވެ. ފަހެ ތިޔަބައިމީހުންގެ މެދުގައި އެ (ސަލާމް) ފަތުރާށެވެ. (އެބަހީ: ގިނަގިނައިން ސަލާމްކުރާށެވެ.) ފަހެ ހަމަކަށަވަރުން މުސްލިމު ފިރިހެނަކު ބަޔެއްގެ ކައިރިންލާފައި ދަނިކޮށް، ފަހެ އެބައިމީހުންނަށް ސަލާމްކުރުމުން އެބައިމީހުން އޭނާއަށް (ސަލާމް) ރައްދުކޮށްފިނަމަ؛ އޭނާ އެބައިމީހުންނަށް ސަލާމް ހަނދާންކޮށްދިނުމުގެ ސަބަބުން (އެބަހީ: ﷲ ތަޢާލާގެ ފަރާތްޕުޅުންވާ ސަލާމަތްތެރިކަމަށް އެދި ދުޢާކުރުމާއެކު، ތިމާގެ ފަރާތުން ލޮބުވެތި އަޚުންނަށް ސަލާމަތްތެރިކަމާއި އަމާންކަން އޮތްކަން ހާމަކޮށްދިނުމުން)، އެބައިމީހުންގެ މައްޗަށް އޭނާއަށް ދަރަޖައެއްގެ މާތްކަން ލިބިގެންވެއެވެ. ފަހެ އެބައިމީހުން އޭނާއަށް (ސަލާމް) ރައްދުނުކޮށްފިނަމަ، އެބައިމީހުންނަށްވުރެ ހެޔޮވެގެންވާ އަދި ޠާހިރުވެގެންވާ ފަރާތަކުން (އެބަހީ: މަލާއިކަތުން) އޭނާއަށް (ސަލާމް) ރައްދުކުރައްވާނެއެވެ.» އަލްބުޚާރީ «އަލްއަދަބުލް މުފްރަދު» ގައި ރިވާކުރެއްވިއެވެ.

ޞަޙަބީ ޞަޙާބީ البراء بن عازب އަލްބަރާއު ބިން ޢާޒިބް  (رضي الله عنه) ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ.

«ما من مُسْلِمَيْنِ يَلْتَقِيانِ فَيَتَصافَحانِ إِلَّا غُفِرَ لهُما قبلَ أنْ يَتَفَرَّقَا»  (أخرجه أبو داود (5212) والترمذي (2727) وابن ماجه (3703)، وأحمد (18547))

މާނައީ: "ދެ މުސްލިމަކު ބައްދަލުވެ، ފަހެ އެ ދެމީހުން މުޞާފަޙާކޮށްފިނަމަ (އެބަހީ: އަތާއަތްޖޯޑުކޮށް ސަލާމްކޮށްފިނަމަ)، އެ ދެމީހުން ވަކިވުމުގެ ކުރިން އެ ދެމީހުންނަށް (އެބަހީ: އެ ދެމީހުންގެ ފާފަތައް) ފުއްސަވައިދެވިގެން މެނުވީ ނުވެއެވެ."

އަނަސް (رضي الله عنه) ވިދާޅުވިއެވެ.

قول أنس:كان أصحاب النبي ﷺ إذا تلاقوا تصافحوا وإذا قدموا من سفر تعانقوا

"ނަބިއްޔާ ﷺ ގެ އަޞްޙާބުބޭކަލުން އެކަކު އަނެކަކާ ބައްދަލުވެވަޑައިގެންފިނަމަ، މުޞާފަޙާކުރައްވައި (އަތާއަތްޖޯޑުކޮށް ސަލާމްކުރައްވައި) އުޅުއްވިއެވެ. އަދި ދަތުރަކުން (އެނބުރި) ވަޑައިގެންފިނަމަ، މުޢާނަޤާކުރައްވައި (އެބަހީ: ގައިގައި ބައްދައި ކަނދުރާގައި ބައްދާލައްވައި ސަލާމްކުރައްވައި) އުޅުއްވިއެވެ."

أبو هريرة (رضي الله عنه) ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ.

لا تَدخُلونَ الجَنَّةَ حتَّى تُؤمِنوا، ولا تُؤمِنوا حتَّى تَحابُّوا، أوَلا أدُلُّكُم على شيءٍ إذا فعَلتُموه تَحابَبتُم؟ أفشوا السَّلامَ بينَكُم (مسلم (54)، وأبو داود (5193)، والترمذي (2688))

"ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން، ތިޔަބައިމީހުން ސުވަރުގެ ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން (އެކަކު އަނެކަކުދެކެ) ލޯބިވެއްޖައުމަށް ދާންދެން، ތިޔަބައިމީހުން (ފުރިހަމައަށް) އީމާންވިކަމުގައި ނުވާނެއެވެ. ފަހެ ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ، ތިޔަބައިމީހުން އެކަކު އަނެކަކުދެކެ ލޯބިވެވޭނޭ ކަމަކަށް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް މަގުދައްކަވައި ނުދެއްވަންތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ."

أبو موسى الأشعري (رضي الله عنه) ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ.

أَفْشُوا السَّلَامَ بَيْنَكُمْ تَحَابُّوا (صحيح الجامع - رقم الحديث أو الصفحة: 1086 - أخرجه الحاكم (7310))

"ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ! އޭރުން ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި ކުލުނު އުފެދޭނެއެވެ."


أبو الدرداء ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ.

أَفْشُوا السَّلَامَ كَيْ تَعْلُوْا  (صحيح الترغيب - رقم الحديث أو الصفحة: 2701 - أخرجه الطبراني كما في ((الترغيب والترهيب)) للمنذري (3/286))

"ތިޔަބައިމީހުން މަތިވެރިވެގަތުމަށްޓަކައި ސަލާމް ފަތުރާށެވެ! (ގިނަގިނައިން ސަލާމްކުރާށެވެ!)"

البراء بن عازب ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ.

أَفْشُوا السَّلَامَ تَسْلَمُوْا

(صحيح الجامع - رقم الحديث أو الصفحة: 1087 - أخرجه أحمد (18553)، والبخاري في ((الأدب المفرد)) (787)، وأبو يعلى (1687))

"ތިޔަބައިމީހުން ސަލާމަތްތެރިކަން ޙާޞިލްކުރުމަށްޓަކައި ސަލާމް ފަތުރާށެވެ! (ގިނަގިނައިން ސަލާމްކުރާށެވެ!)"
 

عبد الله بن عمرو بن العاص ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ.

أنَّ رَجُلًا سَألَ النَّبيَّ صلَّى اللهُ عليه وسلَّم: أيُّ الإسلامِ خَيرٌ؟ قال: تُطعِمُ الطَّعامَ، وتَقرَأُ السَّلامَ على مَن عَرَفتَ ومَن لَم تَعرِفْ. (رواه البخاري في الإيمان برقم (11، 27)، ومسلم في (الإيمان) برقم (56))

"ހަމަކަށަވަރުން މީހަކު ނަބިއްޔާ ﷺ އާ ސުވާލުދެންނެވިއެވެ. "އިސްލާމްދީނުގެ (ޢަމަލުތަކުގެ ތެރެއިން) އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ކޮން ކަމެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ: "(އެއީ މީސްތަކުންނަށް) ކާބޯތަކެތި ކާންދިނުމެވެ. އަދި ތިބާ ދަންނަ މީހުންނަށާއި، ތިބާ ނުދަންނަ މީހުންނަށް ސަލާމްކުރުމެވެ."


މިއިން އަޅުގަނޑުމެންނަށް އެނގެނީ، ސަލާމްކުރުމަކީ ހަމައެކަނި ވަކި ޖަމާޢަތަކަށް ނުވަތަ ވަކި ފިކުރެއްގެ ބަޔަކަށް ޚާއްޞަވެގެންވާ ކަމެއް ނޫންކަމެވެ. އޭގެ ބަދަލުގައި، އެއީ މުޅި އިސްލާމީ އުންމަތުގެ ބަދަހިކަމާއި، މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަން ވަރުގަދަކޮށްދޭ މަތިވެރި ވަޞީލަތެކެވެ.

 

ދެވަނަ ފަޞްލު: ހަޖުރުކުރުމުގެ (ބާކީކުރުމުގެ) ޝަރުޢީ މިންގަނޑާއި އޭގެ މަޞްލަޙަތު

އެއީ ތެދެކެވެ. ޝަރީޢަތުގެ ހަމަތަކަށް ބަލާއިރު، ބިދުޢަވެރިންނާއި ފާސިޤުންގެ ފުށުން އަތުވެދާނެ ނުބައި ޢަޤީދާއަކުން ނުވަތަ ނޭދެވޭ ޢަމަލަކުން ރައްކާތެރިވުމަށްޓަކައި، ނުވަތަ އެބައިމީހުންނަށް އަދަބުދީ އިޞްލާޙުކުރުމަށްޓަކައި ދުރުހެލިވުމަކީ (هَجْرُ الْمُبْتَدِعِ) ޝަރުޢީ ގޮތުން އޮންނަ ކަމެކެވެ. ސުންނަތުގެ މަގަށް ތަބާވާ އެއްވެސް ފަރާތަކުން މިފަދަ ޝަރުޢީ އުޞޫލަކަށް އިންކާރެއް ނުކުރާނެއެވެ.

އެހެނަސް، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ފަދަ ތަޙްޤީޤީ ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ފަދައިން، 'ހަޖުރުކުރުމަކީ' ބޭސްފަރުވާއެއް ފަދަ އެއްޗެކެވެ. އެއީ ޝަރުޢީ އަދަބެކެވެ (عقوبة شرعية). ޝަރުޢީ ކޮންމެ އަދަބެއްވެސް ބިނާވެގެންވަނީ މަޞްލަޙަތު ޙާޞިލުކޮށް، މަފްސަދާ (ގެއްލުން) ދުރުކުރުމުގެ މައްޗަށެވެ. އެހެންކަމުން، ހަޖުރުކުރުމުގެ ސަބަބުން މީހުން ދީނާ އިތުރަށް ދުރުވެ، ބާޠިލުގެ މަތީގައި ގަދަވެގަތުމަށް މަގުފަހިވާނަމަ، ނުވަތަ ސުންނަތުގެ އަހުލުވެރިން ބައިބައިވެގެންދާނަމަ، އެ ހާލަތުގައި އެކަން ކުރުން ހުއްދަވެގެން ނުވެއެވެ. އޮންނަނީ، މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތަކަށް، ޙިކްމަތްތެރިކަމާއެކު ދަޢުވަތު ދިނުމެވެ.

އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއިން ދީނަށް ލޯބިކުރާ ބައެއް ފަރާތްތަކުގެ ފުށުން، ޚާއްޞަކޮށް އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންގެ ކިބައިން، ޝަރުޢީ ހަމަތަކަށްވުރެ ބޮޑަށް ހަރުކަށި (غلو) އިމެއް އިޚްތިޔާރުކުރެވިފައިވާތަން ފެނުމަކީ ހިތާމަހުރި ކަމެކެވެ. 'މުވައްޙިދުން'، 'ސަލަފީ' ނުވަތަ 'ސަލަފިއްޔަތު' ފަދަ ނަންނަމުގައި މުސްލިމް އަޚުންނަށް ސަލާމް ނުކުރުމާއި، ސަލާމްކުރުމަކީ ވަކި ބައެއްގެ ޚާއްޞަ އިމްތިޔާޒެއްގެ ގޮތުގައި ދެކި އާންމު މުސްލިމުންނާ އެކަހެރިވުމަކީ، ސުންނަތުގެ ސާފުސީދާ މަގާއި ސަލަފިއްޔަތުގެ އަސްލު ރޫޙާ މުޅިން ޚިލާފު ކަމެކެވެ.

ބަޔާންކުރި ފަދައިން، ދީނުގެ ހަމަތަކަށް ބަލާއިރު، މީހެއްގެ ފަރާތުން އުނދަގުލެއް، ނުބައި ޢަޤީދާއެއް ނުވަތަ ނޭދެވޭ ޢަމަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި، އެކަމުން ރައްކާތެރިވުމަށްޓަކައި ދުރުހެލިވުމަކީ ޝަރުޢީ ގޮތުން އޮންނަ ކަމެކެވެ. އަދި މީސްތަކުން އިޞްލާޙުކޮށް، ސީދާ މަގަށް ރުޖޫޢަކުރުވުމަށްޓަކައި، ބައެއް ހާލަތްތަކުގައި ގުޅުންތައް މަޑުޖައްސާލުމަކީ ވެސް ޝަރުޢީ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސުންނަތުގެ މަގަށް ތަބާވާ އެއްވެސް ފަރާތަކުން މިފަދަ ޝަރުޢީ އަމުރުފުޅުތަކަށް އިންކާރެއް ނުކުރާނެއެވެ. އެހެނަސް، އެންމެ މުހިންމު ކަމަކީ އެފަދަ އުޞޫލުތަކަށް ޢަމަލުކުރުމުގައި، އޭގެ ސަބަބުން މުޖުތަމަޢަށް ކުރާނީ ފައިދާތޯ ނުވަތަ ލިބޭނީ ގެއްލުމެއްތޯ ފުންކޮށް ވިސްނުމެވެ. ޝަރުޢީ މިފަދަ ކަންކަމުގައި އޮންނަނީ، މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ ކަމެއް ތަންފީޛުކުރުމެވެ.

 

ތާރީޚީ ހެކިތަކާއި ބަޔާން: ތިރީގައި ނަކަލުކޮށްފައި އެވަނީ، 2012 ގެ ދުވަސްވަރު، އެ ފިކުރުގެ މީހުންނާ އެކު އުޅުނު ފަރާތްތަކުން ލިޔެފައިވާ ބަޔާންތަކެކެވެ. މިއީ އެބައިމީހުންގެ މެދުގައި ކަންކަން ހިނގާދިޔަ ހަރުކަށި ގޮތްތަކާއި، ސަލާމް ނުކުރުމުގެ ނުރައްކާތެރި އުޞޫލުތައް ސިފަކޮށްފައިވާ ތާރީޚީ ހެކިތަކެކެވެ. މީގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގަކީ ދަޢުވަތުގެ މަޞްލަޙަތަށް ބަލާއިރު އެންމެ އޯގާތެރި ނުވަތަ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކުނު ކަމުގައި ވިޔަސް، އެބޭފުޅުންގެ ކިބައިން ފެންނަ ކުށްތަކުގެ ޙަޤީޤަތް އޭގެ ސާފު ބަޔާނުން ދައްކައިދިނުމަށާއި، ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ސަލަފީ ދަޢުވަތުގައި ކަންކަން ހިނގާދިޔަ ގޮތުގެ ތާރީޚީ އަމާނާތްތެރިކަމަށްޓަކައި، ލިޔުންތެރިޔާ ލިޔެފައިވާ ގޮތަށް އެ އިބާރާތްތައް އެއްވެސް ބަދަލަކާ ނުލައި ހަމައެކަނި ތާރީޚީ ހެއްކެއްގެ ގޮތުން މިތާގައި ނަކަލުކޮށްލީއެވެ. މީގެ ބޭނުމަކީ ޚުދު އެ އަޚުންނަށްވެސް މިއީ ނަޞޭހަތަކަށްވެ، މިފަދަ ކުށްތަކުން ދުރުހެލިވުމެވެ.

2012 ގެ ދުވަސްވަރު، އެ ފިކުރުގެ މީހުންނާ އެކު އުޅުނު ފަރާތްތަކުން ލިޔެފައިވާ ބަޔާންތަކަށް ބަލާއިރު، އެބައިމީހުންގެ މެދުގައި ކަންކަން ހިނގާދިޔަ ހަރުކަށި ގޮތްތައް ސިފަކޮށް ލިޔެފައިވެއެވެ

"އަޅުގަނޑުމެންފަދަ ގދ. ތިނަދޫ މުޙައްމަދު ޙަސަނަށް ކުރުނީސްނުކުރާ އަޅުދާސްތުނުވާމީހުންނަށް "..." އިސްލާމީ ސަލާމުން ސަލާމްވެސް ނުގޮވައެވެ. އަދި، އޭނާގެ ގާތް މީހަކު އަޅުގަނޑުމެންފަދަ މީހެއްގެ ކައިރީގައި އިށީނުމުން އެމީހާވެސް ނަޖިސްވެދެއެވެ. މިގޮތުން އެންމެ ފަހުގެ ހަނދާނަކީ ޢަބްދު اللهِ ފިރްޝާން (ކަލޯ) އާއި އަޅުގަނޑު އިސްލާމީ މަރްކަޒުގެ ނަމާދުކުރާބައިގައި ތިއްބާ ޖެހޭނުޖެހޭ ހިސާބުން ކޮރަކައްޔެއްހެން ދެ ކޮޅަށް ދެބުރު ޖެހިއިރުވެސް އަޅުގަނޑުމެންގެތެރެއިން އެކަކަށްވެސް ސަލާމް ނުގޮވައެވެ. މިއޮތީވާ ވަރުގަދަ ޒީލަގަދަ ސަލަފިއްޔަތެކެވެ. މިއީ؛ ސަލަފިއްޔަތް ބާވައެވެ!؟! ނޫނީ "ދޮންކެޔޮ ފަތް"ބާވައެވެ!؟! ސަލާމްގޮވުމާއި، ނުވަތަ ސަލާމްކުރުމާއި އޭގެ މަތިވެރިކަން އަދި، ތަންކޮޅެއް ތިރިން މިލިޔުމުންވެސް إِنْ شَاءَ اللهُ تَعَالَى އެނގި ހާމަވާނެއެވެ."


 - مُحَاوَلَةُ الرَّجُلِ الْمُسَمَّى"مُحَمَّدُ رَشِيْدُ" فِيْ كِتَابَةِ قَوْلٍ مُفِيْدٍ

އަދިވެސް 2012 ގައި އޭނާ ލިޔެފައިވެއެވެ.

"އަދިހަމައެހެންމެ، މިގޭންގްގެ ފުންނާބުއުސް އެއްތަރީގެގޮތުގައި ބެލެވޭ "މުހާ" އަކީވެސް ފެންނަފެނުމަށް "ޖުޙާ"ފަދަ މީހެކެވެ. ކުރެވޭ ނުކުރެވޭ ކަމެއް އޭނާއަކަށް ނޭނގެއެވެ. އަޅުގަނޑާ ދިމާއަށް ހަޑިހުތުރު ބަހުން ބަޔަކު، އަދިކިއެއްތަ، އޭނާގެ ޖަމާޢަތުގެ، މަޝްހޫރު "އެސް. އެސް"ގެ ބަޔަކު އެކިތަފާތު ހުތުރު މޭރުމުން ޙުކްމުތައް ބިންދަމުން ދިޔައިރު، ގދ. ތިނަދޫ މުޙައްމަދު ޙަސަނުގެ ހުވަފެންތަކުގައި ކުލަޖައްސާދެމުން ދިޔައިރު، އޭނާ އަޑުއަހަން ހުރިކަމަށް އަޅުގަނޑުގެ ދެ ލޯފަދަ މުސްލިމް އަޚަކު އަޅުގަނޑު ކައިރީގައި ބުންޏެވެ. އޭނާ ބުނެފައިވަނީ ގދ. ތިނަދޫ މުޙައްމަދު ޙަސަނާއެކު އޭނާ ކެތްތެރިވެގެން މިއުޅެނީ "ސަލަފީ ދަޢްޥަތު" އަށްޓަކައި ކަމުގައެވެ. ގދ. ތިނަދޫ މުޙައްމަދު ޙަސަނުގެ މައްސަލަތައް ވަރަށް ގިނަކަމުގައެވެ."


 - مُحَاوَلَةُ الرَّجُلِ الْمُسَمَّى"مُحَمَّدُ رَشِيْدُ" فِيْ كِتَابَةِ قَوْلٍ مُفِيْدٍ

 

އަދިވެސް 2012 ގައި އޭނާ ލިޔެފައިވެއެވެ.

"މިޖަމާޢަތުގެ (ގދ. ތިނަދޫ މުޙައްމަދު ޙަސަންގެ އެސް.އެސް ޖަމާޢަތުގެ) ގިނަމީހުން މުސްލިމުންނަށް ސަލާމްގޮވުމާއި އަދި ސަލާމަށް ރައްދުދީ ވާހަކަދެއްކުމުގައި؛ ކާކުކަމާއި ކޮން މަންހަޖެއްގެ މީހެއްކަން އެނގެންޖެހޭކަމަށްވެޔޯލައެވެ. މިގޮތުން ރާއްޖެތެރޭގެ ތަފާތު ކަންކޮޅުތަކުގެ އަޚުން އަޅުގަނޑަށް އެފަދަ ވާހަކަތައް ޙިއްޞާކޮށްފައިވެއެވެ. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ! إِنْ شَاءَ اللهُ މިލިޔުން ނިމިގެންދާނީ ޢިލްމީގޮތުން ގދ. ތިނަދޫ ސާޙިރެއްފަދަ، މުސްލިމުންނާއި މުސްލިމުން ދުރުކުރުވާ ކަލޭގެ (ގދ. ތިނަދޫ މުޙައްމަދު ޙަސަން) ވަރަށް ރަނގަޅަށް މުޅި ޤަޥްމަށް ފަޟީޙަތްވެގެންނެވެ. މީނާގެ ކަމަކީ ސިޙްރުވެރިން ދެމަފިރިން ދުރުކުރުވާބީދައިން ޙައްޤަކާނުލައި މީސްތަކުން ބައިބައިކުރުމެވެ. އަދި، މީނާގެ ނުބައިކަން ސިޙްރުވެރިންނަށްވުރެވެސް ބޮޑުކަހަލައެވެ. މިހެނީ؛ މީސްތަކުން ދުރުކޮށް އޭނާގެ ފަރާތަށް، އޭނާގެ ޖަމާޢަތަށް ވައްދާ ބިރުދައްކާ މޮޔަހެއްދުމަކީ މީނާކޮށްއުޅޭ އެންމެ ނުބައި ޢަމަލެވެ. އަޅުގަނޑަށްވެސް އެނގި ކަށަވަރުވާ ގޮތުގައި ހަޖްރުކުރުމަކީ އިސްލާމްދީނުގައި އޮންނަކަމެކެވެ. އެކަމުގެތެރޭގައި ސަލާމްނުގޮވާ ދަރަޖައަށްވެސް ބައެއް މީހުންނާ ހަޖްރުކުރެވޭނެއެވެ. އެކަމަކު، މިބައިގަނޑަށް އެހަޖްރެއް ނޭނގެއެވެ. އޭގެ ހަމަތަކާއި އުޞޫލުތަކެއްވެސް ނުމެއެނގޭމެއެވެ. އެމީހުން ނުދަންނަ ކޮންމެ މީހަކީ ސަލާމްނުކުރެވޭ މީހެކެވެ. ނުވަތަ އެމީހުން ޤަބޫލުނުކުރާ ކޮންމެ މީހަކީ ސަލާމްނުކުރެވޭނޭ މީހަކެވެ. މިއީ؛ އަޅެ ބޮޑުވަރެއް ނޫންތޯއެވެ!؟!"


 - مُحَاوَلَةُ الرَّجُلِ الْمُسَمَّى"مُحَمَّدُ رَشِيْدُ" فِيْ كِتَابَةِ قَوْلٍ مُفِيْدٍ

 

2013  ވަނަ އަހަރު، ފަޟީލަތުއްޝައިޚް ޢަބްދުﷲ ބުޚާރީ މާލެ ވަޑައިގެން، މަކްތަބާ ސަލަފިއްޔާގެ ފަރާތުން ދައުރާއެއް ބޭއްވި ދުވަސްވަރެވެ. އޭރު ކިޔަވައިދެއްވަމުން ގެންދެވީ އިމާމް އަޙްމަދުގެ "އުޞޫލުއް ސުންނާ" އެވެ. 2007 ވަނަ އަހަރު އަޅުގަނޑު އަލް-ޤާއިދާގެ ފިކުރުގައި އުޅުނު ދުވަސްވަރު، އެ ފިކުރަށް އަޅުގަނޑު ވެއްދި އަޚް އިބްރާހީމް ޖަދީދު (މިހާރު މަދީނާ އިސްލާމިކް ޔުނިވަރސިޓީން ކިޔަވައި ނިމިފައިވާ ބޭފުޅެއް)، އެ ދައުރާއަށް އައުމަށް އެދި އަޅުގަނޑު މެސެޖު ކުރުމުން އޭނާ އެ ދައުރާއަށް އައެވެ. ދައުރާގެ ދަރުސެއް ނިމުމުން އަޅުގަނޑު އޭނާއާ ސަލާމްކޮށްލީމެވެ. އެއީ އޭނާ އެ ދައުރާއަށް އައުމުން އެކަމާ އުފާކޮށް، އޭނާއަށް ހިތްވަރުދީ ގާތްކަން އުފެއްދުމުގެ ގޮތުންނެވެ.

އެހިނދު، އަދިއްޔު މުޙައްމަދު (މިހާރު ޢަރަފާތުގެ އަދި ޝައިޚް ބުޚާރީގެ މުތަޢައްޞިބު) އައިސް އަޅުގަނޑު ގާތު އެހީ، އޭނާއާ ސަލާމްކުރީ ކީއްވެގެންތޯއެވެ؟ އޭނާއަކީ "ޙިޒްބީ" އެއް ނޫންހެއްޔެވެ؟ މިއީ ކޮންތާކު އޮތް ސަލަފިއްޔަތެއް ހެއްޔެވެ؟ އަޅުގަނޑު ސަލާމްކުރަން ޖެހެނީ ހަމައެކަނި ސަލަފީ "ތައްގަނޑު" ޖަހައިގެން ތިބި އަދިއްޔު ފަދަ ތަޢައްޞުބުން ފުރިފައިވާ "ސުޕަރ ސަލަފީންނާ" އެކަނި ހެއްޔެވެ؟

2019 ވަނަ އަހަރުގެ ތެރޭގައި ވެކްސިނާ ބެހޭގޮތުން ފާޅުގައި ވާހަކަދެއްކުމާއި، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ހަޤީޤަތާއި، ވެކްސިނާ ގުޅިގެން ކުރިމަތިވެދާނެ ކަމަށް ޑޮންޓަރުން ބުނި ކުއްލި މަރުގެ ނުރައްކާތަކުގެ ހަޤީޤަތް ފާޅުގައި ހާމަކުރުމާ މެދު، މުޙައްމަދު ޙަސަނާއި އޭނާގެ އަޞްޙާބުންނާ އަޅުގަނޑާ ދެމެދު ދެބަސްވުންތަކެއް އުފެދުނެވެއެ ދެބަސްވުންތަކަށްފަހު، އެއްދުވަހަކު ބައެއް އަޚުންނާއެކު "ބްރެޑް މެޓާސް" ގައި ތިބެފައި ނުކުތްއިރު، އެ ދެބަސްވުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު އޭނާއާ އެކު އިނުމުން، އަޅުގަނޑު ތިރިއަށް ފައިބާ މަޑުކޮށްލީމެވެ. އޭނާ ތިރިއަށް އައުމުން، އަޅުގަނޑު ސަލާމް ގޮވާލައި، ސަލާމް ކުރުމަށް އަތްދިއްކޮށްލީމެވެ. ނަމަވެސް އޭނާ އަޅުގަނޑުގެ މޫނަށް ބަލައިވެސް ނުލައި، ސަލާމް ބަލައެއް ނުގަތެވެ. މި މަންޒަރު ދެކުނު އަޚުން އެ ދުވަހު އެތަނުގައި ތިބޭނެއެވެ. އެހެންނަމަވެސް، ފަހުން އެކަން އޮތީ އަޅުގަނޑު ސަލާމް ނުކޮށް ދިޔަ ކަމަށް ބަދަލުކޮށްފައެވެ.

 

ތިންވަނަ ފަޞްލު: ރައްބާނީ ޢިލްމުވެރިންގެ ނަޞޭހަތާއި، ޣުލުއްވުގެ އަހުލުވެރިންނާ ދެމެދުވާ ފަރަޤު

 

އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނައިލުން މުހިންމުވާ އެއް ޙަޤީޤަތަކީ، ޙައްޤު މަންހަޖަކީ ބައެއް ފަހަރު ހަރުކަށިކަމާއި މީހުންނާ ވަކިވެގަތުން ކަމުގައި ހީކުރެވުނު ކަމުގައިވިޔަސް، އެއީ އެ މަންހަޖުގެ އަޞްލު ސާފުސީދާ ގޮތް ކަމުގައި ނުވެދާނެކަމެވެ. ބައެއް ހާލަތްތަކުގައި، ސަލަފިއްޔަތާއި ސުންނަތުގެ މަތިވެރި އިރުޝާދުތައް އޭގެ އަޞްލު މާނައިގައި ފަހުމް ނުވުމުގެ ސަބަބުން، ޢާންމު މީހުންނާ ގުޅުންކަނޑާލުން ނުވަތަ ޢާންމު މީހުން 'ހަޖުރުކުރުން' އެއީ ދަޢުވަތުގެ އެންމެ މުހިންމު އަޞްލު ކަމުގައި ހީކުރެވެއެވެ. ނަމަވެސް، މާތް ޞަޙާބީ ބޭކަލުން ދީން ފަހުމްވެވަޑައިގަތް މަތިވެރި ގޮތަށް ތަބާވުމަށް ބާރުއަޅުއްވާ ސަލަފީ މަންހަޖުގެ ބޮޑެތި ޢިލްމުވެރިން އަބަދުވެސް ނަޞޭހަތްތެރިވެވަޑައިގަންނަވަނީ، ކޮންމެ ޢަމަލެއްގައިމެ އޭގެ މަޞްލަޙަތަށާއި ނިކުމެދާނެ ނޭދެވޭ ނަތީޖާއަކަށް ފުންކޮށް ވިސްނުމަށެވެ. އަދި އޯގާތެރިކަމާއި ކުލުނާއެކު ދީނުގެ މަތިވެރި ދަޢުވަތު ފޯރުކޮށްދިނުމުގެ ރިތި އުޞޫލު އިސްކުރުމަށެވެ.

ޝައިޚް ރަބީޢު ބިން ހާދީ رحمه الله، އެންމެހާ މުސްލިމުންނަށާއި، ވަކިން ޚާއްޞަކޮށް ޝެއިޚުގެ ދަރިވަރުންނަށް މީގެ 25 އަހަރު ކުރިން ނަޞޭހަތްތެރިވެވަޑައިގަންނަވަމުން ވިދާޅުވެފައިވެއެވެ. މިއީ އިނގިރޭސިވިލާތުގެ މަކްތަބާ ސަލަފިއްޔާއިން، ޝެއިޚް އަބޫ އިޔާޟް މީގެ 23 އަހަރު ކުރިން (2003 ގައި) ތަރުޖަމާކުރި ބަސްކޮޅުތަކެކެވެ.

  rabee-advice-followers-innovator  

 

 

ޝައިޚް ރަބީޢު ބިން ހާދީ رحمه الله  ވިދާޅުވިއެވެ.


"ތިޔަބައިމީހުންގެ ގާތުގައި ދަޢުވަތުގެ އަޞްލަކީ ހަމައެކަނި 'ހަޖުރުކުރޭ، ހަޖުރުކުރޭ، ހަޖުރުކުރޭ، ހަޖުރުކުރޭ!' ('ގުޅުންކަނޑާލުން' ނުވަތަ 'ހަޖުރުކުރުން') ކަމުގައި ނުހަދާށެވެ. ދަޢުވަތުގެ އަޞްލަކީ މީސްތަކުންނަށް ތެދުމަގު ދެއްކުމެވެ. އަދި މީސްތަކުންނަށް ހެޔޮކަމުގެ މަގަށް މަގުދައްކައި، އެ މަގަށް އެބައިމީހުން ވެއްދުމެވެ."

 

ލޯބިވާ އަޚުންނޭވެ! ހަޖުރުކުރުމުގެ (ގުޅުންކަނޑާލުމުގެ) މައްސަލަ ބައެއްފަހަރު ނުބައިކޮށް ފަހުމްވެވިދާނެއެވެ. ތިޔަބައިމީހުން ހުރިހާ މީހުންނާ ގުޅުންކަނޑާލައިފިނަމަ، ދެން ސުންނަތުގެ ތެރެއަށް ވަންނާނީ ފަހެ ކާކުހެއްޔެވެ؟

ޝައިޚް ރަބީޢު ބިން ހާދީ رحمه الله އަނެއްކާވެސް ނަޞޭހަތްތެރިވެވަޑައިގަންނަވަމުން، އިމާމް އަޙްމަދުގެފާނުގެ ޒަމާނާއި މިޒަމާނުގެ ތަފާތު ބަޔާންކޮށްދެއްވިއެވެ. ޝެއިޚް ފާހަގަކުރެއްވި ގޮތުގައި، އޭރު މުޅި އިސްލާމީ އުންމަތް އޮތީ ސަލަފީ މަންހަޖުގެ އަހުލުވެރިންނުން ފުރިފައެވެ. ނަމަވެސް މިހާރުގެ ޙާލަތު މުޅިން ތަފާތެވެ.

 

ޝައިޚް ރަބީޢު ބިން ހާދީ رحمه الله  ވިދާޅުވިއެވެ.


"ހަޖުރުކުރުމުގެ (ގުޅުންކަނޑާލުމުގެ) މައްސަލަ ބައެއްފަހަރު ނުބައިކޮށް ފަހުމްވެވިދާނެއެވެ. ތިޔަބައިމީހުން ހުރިހާ މީހުންނާ ގުޅުންކަނޑާލައިފިނަމަ، ދެން ސުންނަތުގެ ތެރެއަށް ވަންނާނީ ފަހެ ކާކުހެއްޔެވެ؟ ... މިޒަމާނުގައި ސަލަފިއްޔަތުގެ މިސާލަކީ، ކަޅު ގެރިއެއްގެ ހަށިގަނޑުގައިވާ ހުދުކުލައިގެ އެންމެ އިސްތައްޓެއްގެ މިސާލެވެ.' އެބަހީ، އެ މަންހަޖުގެ މީހުން މިއަދު އެހާވެސް މަދެވެ."

 

ލޯބިވާ އަޚުންނޭވެ! ހަރުކަށިކަމުގެ ސަބަބުން ހެޔޮކަމުގެ މަތިވެރި ދޮރުތައް ބަންދުވެގެންދެއެވެ. އެއްވެސް ނަޞޭހަތެއް ނުވަތަ އޯގާތެރި ބަޔާންކޮށްދިނުމެއް ނެތި، މީހުންނަކީ 'މަގުފުރެދިފައިވާ' ބައެއްގެ ގޮތުގައި ނިންމުމަކީ ހެދޭ ބޮޑު ގޯހެއްކަން ބަޔާންކުރައްވަމުން ޝައިޚް ރަބީޢު ބިން ހާދީ رحمه الله ވިދާޅުވެފައިވެއެވެ.

ޝައިޚް ރަބީޢު ބިން ހާދީ رحمه الله  ވިދާޅުވިއެވެ.


"(އެކަމަކު ތިޔަބައިމީހުން ދެކޭގޮތުގައި) ކޮންމެ މީހަކީ މަގުފުރެދިފައިވާ މީހެއް ކަމުގައި ބަލައި، އެއްވެސް ނަޞޭހަތެއް ނުވަތަ ބަޔާންކޮށްދިނުމެއް ނެތި ތިޔަބައިމީހުން ދުރުހެލިވެ ތިބުމަކީ ކޮންފަދަ ކަމެއް ހެއްޔެވެ؟ މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މީގެ މާނައަކީ މީސްތަކުންގެ މޫނުމައްޗަށް ހެޔޮކަމުގެ މަގުތަކާއި ދޮރުތައް ބަންދުކޮށްލުމެވެ."

 

ލޯބިވާ އަޚުންނޭވެ! ދަޢުވަތުގެ މަސައްކަތުގައި އެންމެ ފުރަތަމަ ފިޔަވަޅަކީ ހަރުކަށިކަން އިސްކުރުމެއް ނޫނެވެ. ޢާންމު މީހެއްގެ ކިބައިން ކުށެއް ފެނުމުން ނުވަތަ ފިކުރީ އޮޅުމެއް އަރާފައި ހުއްޓާ ފެނުމުން، ނަޞޭހަތެއް ދިނުމެއް ނެތި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ސަލަފީ މަންހަޖުގެ ސާފުސީދާ އުޞޫލެއް ނޫނެވެ.

ޝައިޚް ރަބީޢު ބިން ހާދީ رحمه الله  ވިދާޅުވިއެވެ.


"ތިޔަބައިމީހުންގެ ގާތުގައި އޮންނަންޖެހޭ އަޞްލަކީ، މީސްތަކުންނަށް ހިދާޔަތް ދެއްވުމަށް މަސައްކަތްކުރުމެވެ. (ޙައްޤު ބަޔާންވުމަށްފަހު ގޮތްދޫނުކުރާ މީހާގެ މައްޗަށް) އެންމެ ފަހުގެ ފަރުވާއަކީ އަލިފާނުން ދާމެކުމެވެ. ނަމަވެސް، ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ހަރުކަށިކަން އިސްކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ."

 

ލޯބިވާ އަޚުންނޭވެ! ހަރުކަށިކަމުގެ ސަބަބުން މީހުން ދީނުގެ މަތިވެރި މަގުން ދުރުވެގެންދެއެވެ. މިފަދަ ހަރުކަށި ފިކުރުތަކުގެ ސަބަބުން ދަޢުވަތަށް ލިބޭ ގެއްލުން ބަޔާންކުރައްވަމުން ޝައިޚް ރަބީޢު ވިދާޅުވެފައިވެއެވެ.

ޝައިޚް ރަބީޢު ބިން ހާދީ رحمه الله  ވިދާޅުވިއެވެ.


"މިއަދު އަހަރެމެންގެ ބައެއް އަޚުންގެ ކިބައިގައި މި ފެންނަ ހަރުކަށިކަމުގެ ސަބަބުން ހަމައެކަނި ފެންނަނީ ސަލަފިއްޔަތުން މީހުން ބޭރުކުރާ ތަނެވެ. ނަމަވެސް އެ މަންހަޖަށް މީހުން ވައްދާތަނެއް ނުފެނެއެވެ. މިއީ މިއަދު ފެންނަން އޮތް ހިތާމަވެރި ޙަޤީޤަތެކެވެ. ފަހެ، މިފަދައިން މީސްތަކުން ދުރުކުރާ ފަރާތްތަކުން، ﷲ ތަޢާލާއަށް ތައުބާވާން ޖެހޭނެއެވެ."

 

މި މަތިވެރި ނުކުތާތަކުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެންދަނީ، ސަލަފީ މަންހަޖަކީ މީހުން ދީނުން ބޭރުކުރުމާއި ގުޅުންކަނޑާލުން އެއީ އަޞްލެއް ކަމުގައި ދެކޭ މަންހަޖެއް ނޫންކަމެވެ. ވަކި ޢިލްމުވެރިއެއްގެ ނަންފުޅު ބޭނުންކޮށްގެން ހަރުކަށިކަން ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން އެ ހިންގަނީ، ޝައިޚް ރަބީޢު رحمه الله ފަދަ ބޮޑެތި ޢިލްމުވެރިން އެކަމަކުން ދުރުހެލިވުމަށް އަމުރުކުރައްވައި، އެފަދަ ޢަމަލުތަކުން ތައުބާވުމަށް އިރުޝާދު ދެއްވާފައިވާ ނުރައްކާތެރި ޢަމަލުތަކެވެ.

 

ޚާތިމާ: ތައުބާއާއި އިޞްލާޙަށް ގޮވާލުން


އަޅުގަނޑުމެންގެ ދަޢުވަތަކީ މީސްތަކުންނަށް ސުންނަތުގެ މަގު ދައްކައިދީ، އެ މަގަށް މީހުން ވައްދައިދޭ އޯގާތެރި ދަޢުވަތަކަށް ހަދަމާ ހިނގާށެވެ. މީހުން ދީނުން ބޭރުކޮށް، ދުރުކުރާ ބަޔަކަށް އަޅުގަނޑުމެން ނުވަމާ ހިނގާށެވެ. ހިނިތުންވުމާއި، އޯގާތެރި ބަހާއި، ސަލާމް ފެތުރުމަކީ ހިތްތައް މަޑުމޮޅިކޮށްދީ، ގުޅުންތައް ބަދަހިކޮށްދޭނެ ކަންކަމެވެ.

މި ލިޔުން އެކުލަވައިލާ އަޅުގަނޑަކީ ވެސް، އިސްވެދިޔަ ފަދަ އެތައް އުނިކަމަކާއި ކުށަކަށް އަރައިގަނެވިފައިވާ ނިކަމެތި އަޅަކީމެވެ. އަދި ބައެއް ކަންކަމުގައި އަޅުގަނޑަށް ވެސް ވަނީ ގޯސްކޮށް ޢަމަލުކުރެވިފައެވެ. އިޚްލާޞްތެރިކަމާއެކު ދަންނަވަނީނަމަ، ޚުދު އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ސަލާމަތަށްޓަކައި، ކުރިން އެންމެ ގާތްކޮށް އުޅުނު ރަޙުމަތްތެރިންގެ ފަރާތުން ޚަވާރިޖު ފިކުރުގެ ނޭދެވޭ އަސަރު ފޯރާފާނެތީ، އެބައިމީހުންނާ ސަލާމްކުރުމާއި ގާތްކަން ބޭއްވުން ފަދަ ހުރިހާ ގުޅުމެއް މެދުކަނޑާލީމެވެ. އެއީ ހަމައެކަނި އަމިއްލަ ސަލާމަތްތެރިކަމަށްޓަކައި ކުރެވުނު ކަމަކަށް ވީހިނދު، އެއީ އެ ވަގުތުގެ ޙާލަތަށް ބަލައި އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ވެދާނެއެވެ.

އެހެނަސް، ސަލަފީ ދަޢުވަތާއި ސުންނަތް ފެތުރުމުގެ މަތިވެރި މަސައްކަތުގައި، ޝައިޚް ބަޔާންކުރެއްވި ފަދައިން، އުޞޫލުތައް ތަންފީޛުކުރުމުގައި ގޯސްކޮށް ކުރެވިފައިވާ ކަންކަމުން ތައުބާވެ، އެކަން މިއަދު މި ފާޅުކުރަނީ އަމިއްލަ ނަފްސު އިޞްލާޙުކުރުމުގެ މަތިވެރި ނިޔަތުގައެވެ. އަދި އަޅުގަނޑުގެ ދުޢާއަކީ، މި އިޞްލާޙީ ފިޔަވަޅުގައި އަޅުގަނޑާއެކު ލޯބިވާ އެންމެހާ އަޚުންވެސް ޝާމިލުކުރައްވައި، އަޅުގަނޑުމެން އެންމެންނަށް ހިދާޔަތާއި ސީދާ މަގު ދެއްކެވުމެވެ.


ﷲ سبحانه وتعالى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތް ދެއްވައި، ސުންނަތުގެ ސާފު މަންހަޖުގައި ސާބިތުކޮށްދެއްވާށިއެވެ! އަދި އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކަކު އަނެކަކަށް ކުލުނާއި ލޯތްބާއި ސަލާމް ފަތުރާ، ސަލާމަތްތެރި، އަމާން މުޖުތަމަޢެއް ކަމުގައި ލައްވާށިއެވެ!

9 ޛުލްޙިއްޖާ 1447 (26 މޭ 2026)

މިއީ ބަރަކާތްތެރި ޢަރަފާތް ދުވަހެވެ.

އެކުލަވާލީ: އިސްމާޢީލް ބިން ރަފީޤު މުޙައްމަދު (މާތް ﷲ އަޅުގަނޑުގެ ބައްޕައަށް ރަޙުމަތްލައްވާށި)

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ.

2012 ވަނަ އަހަރު މުޙައްމަދު ރަޝީދު ޝާއިޢުކުރި ގދ. ތިނަދޫ އަބޫ އަނަސް މުޙައްމަދު ހަސަން "އެސް.އެސް" ފައިލްތައް ޑައުންލޯޑް ކުރެއްވުމަށް:

ތިރީގައި މިވަނީ އޭރު 2012 ވަނަ އަހަރުގެ ތެރޭގައި މުޙައްމަދު ރަޝީދު ނެރުއްވާފައިވާ ލިޔުންތަކެވެ. މި ލިޔުންތައް މިތާގައި ހިމެނުމުގެ އަސްލު ބޭނުމަކީ، އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންގެ ފަރާތުން މިއަދު މި ފެންނަ ބައިބައިވުމާއި ފިތުނަވެރިކަމަކީ މިއަދު އަލަށް އުފެދިގެން އުޅޭ އައު ކަމެއް ނޫންކަން ކިޔުންތެރިޔާއަށް ސާފުކޮށް ބަޔާންކޮށްދިނުމެވެ. މިއީ މިއަދުން މިއަދަށް ދިމާވެގެން އުޅޭ ހާދިސާއެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ފާއިތުވި 15 ނުވަތަ 20 އަހަރު ދުވަހުގެ ދިގު ތާރީޚެއް އޮތް، ދިވެހިރާއްޖެއާއި އަދި ރާއްޖެއިން ބޭރުގައި ސަލަފީ ދަޢުވަތް ބައިބައިކޮށްލުމުގެ ނުރައްކާތެރި ފިތުނަވެރިކަމެއް އޮތްކަން އޭނާ އާއި އޭނާގެ އަޞްހާބުންގެ ކިބައިން އައިސްދާނެކަން މިއިން ސާފުކޮށް އެނގި ހާމަވެގެންދެއެވެ. وَبِاللهِ التَّوْفِيقُ.

 

Like what you see?

Close

Hit the buttons below to follow us, you won't regret it...