ޝައިޚް ޢަލީ އަލްޙުޛައިފީ ވިދާޅުވިއެވެ: [1]
ކޮންމެ ފިތުނައެއްގައިވެސް، އަހުރެމެންގެ އިސް ބޮޑެތި މަޝާއިޚުންނަކީ ޙިކުމަތްތެރި ނަސޭހަތާއި، ތެދުވެރި އަޅާލުންބޮޑު ކުލުނުވެރި ކަންބޮޑުވުމާއި އަދި ފުން ވިސްނުންފުޅެއް ލިބިގެންވާ، ޢިލްމުގައި ފުންކޮށް އަރާތިބި ބޭކަލުން ކަމުގައި އަހުރެމެންނަށް ފެނިފައިވެއެވެ:
- އިޚްވާނުލް މުސްލިމީންގެ ފިތުނައިގައި
- ދެން، ޤުޠުބިއްޔާގެ ފިތުނައިގައި
- ދެން، ޖަމްޢިއްޔާތަކުގެ ފިތުނައިގައި
- ދެން، މަޙްމޫދު އަލްޙައްދާދުގެ ފިތުނައިގައި
- ދެން، އަލްމަޣްރާވީގެ ފިތުނައިގައި
- ދެން، އަލްޢަރްޢޫރުގެ ފިތުނައިގައި
- ދެން، އަބޫ އަލްޙަސަން (އަލްމިޞްރީ) ގެ ފިތުނައިގައި
- ދެން، ފާލިޙް އަލްޙަރްބީގެ ފިތުނައިގައި
- ދެން، އަލްޙަލަބީގެ ފިތުނައިގައި
- ދެން، އަލްޙަޖޫރީގެ ފިތުނައިގައި
އަދި މިއަދު، މުޙައްމަދު އަލްއިމާމްގެ ފިތުނައެވެ. މިއީ ކުރިން ދިޔަ އެހެން ފިތުނަތަކާ ތަފާތު ފިތުނައެއް ނޫނެވެ. އަދި އޭނާއަށް ތަބާވާ މީހުންގެ އަޚުލާޤަކީ ފިތުނައިގައި އެމީހުންގެ ކުރިން އުޅުނު މީހުންގެ އަޚުލާޤާ ތަފާތު އަޚުލާޤެއް ނޫނެވެ.”
01 އިޚްވާނުންނަކީ ތަކްފީރާއި (މީހުން ކާފަރުކުރުން)، ޚުރޫޖު (ވެރިންނާ ދެކޮޅަށް ނުކުތުން) އާއި، ގޯސް ސިޔާސަތުތަކާއި ތަޙައްޒުބު (ޕާޓީ ބައިބައިވުން) އެއްކޮށްފައިވާ ބައެކެވެ. އެމީހުންނަކީ މުސްލިމު ޤައުމުތަކުގެ ހަމަޖެހުން ނަގާލުމަށާއި، ތައުޙީދާއި ސުންނަތުގެ ދަޢުވަތުގެ ބަދަލުގައި އެހެން ގޮވާލުންތަކެއް ގެނައުމަށް އަމާޒުހިފައިގެންތިބި ޞޫފީންނާއި، ޝީޢީން އަދި ސިޔާސީންގެ އިއްތިޙާދެކެވެ. މީގެ ތެރޭގައި (ޝީޢީ) ރާފިޟީންނާ ގުޅިގެން އުޅުމާއި ދީންތައް އެއްކުރުމުގެ ފިކުރު ހިމެނެއެވެ.
02 ޤުޠުބިއްޔާއަކީ އެމީހުންގެ ތެރެއިން އުފެދުނު ގޮތްޕެކެވެ. އެމީހުން ކުރިއަށްދަނީ މުޖުތަމަޢުތަކާއި ސަރުކާރުތައް އާންމުކޮށް ތަކްފީރުކޮށް، ބަޣާވާތްތަކާއި އިންޤިލާބުތަކަށް ގޮވާލާ ސައްޔިދު ޤުޠުބުގެ ޢަޤީދާގެ މަތީގައެވެ. އަދި އެމީހުންގެ ފަރާތުން ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ޚާރިޖީންގެ އެތައް ޖަމާޢަތްތަކެއް (އަލް-ޤާއިދާ، އައިއެސް ފަދަ) އުފެދިފައިވެއެވެ. މިއީ ބޭރުގެ ދުޝްމަނުންގެ ފައިދާއަށް މުސްލިމުންގެ ބިންތަކުގެ ހަމަޖެހުން ނަގާލުމަށް އެހީތެރިވެދޭ، އަދި އެހެން މީހުންގެ ނުފޫޒުގެ ދަށުގައިވާ ބައެކެވެ.
03 (ސޮސައިޓީތަކާއި އޯގަނައިޒޭޝަންތައް) ޖަމްޢިއްޔާތަކުގެ ފިތުނައަކީ ހެޔޮކަންކަން ފެތުރުމާއި ޞަދަޤާތުގެ ނަމުގައި ފާޅުވި ފިތުނައެކެވެ. މިއީ ގިނަފަހަރަށް އިޚްވާނީ އަދި ތަޙައްޒުބުގެ މަޤްޞަދުތައް ފޮރުވުމަށް ބޭނުންކުރާ ނިވަލެކެވެ. ފެންނަފެނުމަށް ސުންނަތާއި (ސަލަފުންގެ) ސަލަފިއްޔަތުގެ މޫނުމަތި ދައްކައިގެން ތިބެ، މަގުފުރެދިފައިވާ ފިރުޤާތަކާއި ޖަމާޢަތްތަކަށް ޖާގަދީ އެމީހުންނާ ގުޅިގެން މަސައްކަތްކުރެއެވެ. މީގެ މައިގަނޑު އެއް ފަރާތަކީ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް އެވެ. އޭނާ މަސައްކަތްކުރީ ފިރުޤާތަކާއި ޕާޓީތައް އޮތުމަކީ ދަޢުވަތަށް އޮތް ފައިދާއެއް ކަމުގައި ދެއްކުމަށެވެ.
04 ޙައްދާދިއްޔާގެ އަޞްލަކީ އިޚްވާނީ، ޤުޠުބީ އަދި ތަކްފީރީ ފިކުރުން އުފެދިފައިވާ ގޮތްޕެކެވެ. ޢަޤީދާއަށްޓަކައި ޣީރަތްތެރިވާކަމުގެ ނަމުގައި، ސަލަފީން ބައިބައިކޮށް، އެތެރޭގެ އަރާރުންތަކުގެ ތެރެއިން ސަލަފީ ދަޢުވަތު ހަލާކުކޮށްލުމަށްޓަކައި އެމީހުން ބޭނުންކުރަނީ ތަބްދީޢު (ބިދުޢަވެރިކުރުން)، ތަޟްލީލު އަދި ހަރުކަށި ތަޖްރީޙެވެ.
05 މުޙައްމަދު އަލްމަޣްރާވީ އަކީ ސަލަފީއެއްގެ ސިފައިގައި ހެދުންލައިގެން ހުރެ، އާންމުކޮށް ތަކްފީރުކުރުމުގެ ބަސްތައް ބޭނުންކުރި އިންޤިލާބީ ތަކްފީރީއެކެވެ.
05 ޢަދުނާން ޢަރްޢޫރު ގެނައީ ބިދުޢަވެރިންނާއި މަގުފުރެދިފައިވާ މީހުން ދިފާޢުކުރުމަށް ބޭނުންކުރާ ބާޠިލު އުޞޫލުތަކެކެވެ. އަދި ޢަރްޢޫރު ނިންމާލި ހިސާބުން އަބޫ އަލްޙަސަން އަލްމައުރިބީ އެކަން ކުރިއަށް ގެންދިޔައެވެ. އޭނާ އިޚްވާނުންނާއި ޕާޓީތަކަށް (އަޙްޒާބުތަކަށް) ހަމްދަރުދީވެ ޖާގަދިންއިރު، ސަލަފީންނާ މެދު ގެންގުޅުނީ ޢަދާވާތްތެރިކަމެވެ. އޭނާ ގެނައި ގިނަ އުޞޫލުތަކަކީ އަލްޖަރްޙު ވައްތަޢުދީލުގެ ޢިލްމު ބަލިކަށިކޮށް، ޙިޒްބީންނަށް (ޕާޓީތަކަށް ނިސްބަތްވާ މީހުންނަށް) ނޭވާލާނެ ޖާގައެއް ހޯދައިދިނުމަށް އަމާޒުކޮށްފައިވާ އުޞޫލުތަކެކެވެ. އެމީހުން ތަމްސީލުކުރަނީ ‘ތަމްޔީޢު’ އެވެ. އެއީ ސަލަފީ މަންހަޖު މަޑުކޮށް، ވިރުވައި ދޫކޮށް، ފަނޑުކޮށް ފެނަހަށް ހަދައިލުމެވެ.
06 ފާލިޙް އަލްޙަރްބީ ވަނީ ޙައްދާދީ މަންހަޖު އިތުރަށް ފުޅާކޮށްފައެވެ. އޭނާ ވަނީ އަލްޖަރްޙު ވައްތަޢުދީލުގައި ބާޠިލު އުޞޫލުތަކެއް އުފައްދައި، ޢާންމުކޮށް މަޝްހޫރުވެގެންވާ މީސްތަކުން ދަންނަ ސަލަފީންނާ ދެކޮޅަށް އޭނާ ނެރުނު ބޭއިންސާފު ޙުކުމްތަކަށް ތަޤްލީދުކުރުމަށް ގޮވާލާފައެވެ. އަދި އެބޭފުޅުން ތަބްދީޢު ކުރުމުގައި ފައިދާއާއި ގެއްލުމަށް ބެލުމަށް އިންކާރުކޮށްފައިވެއެވެ. މިއީ އޭނާގެ ބޭއިންސާފު އަދި ޙައްޤުނޫން ޙުކުމްތަކަށް ޖަވާބުދާރީވުމުން ސަލާމަތްވުމަށް އޭނާ ބޭނުންކުރި ގޮތެކެވެ.
07
ޢަލީ އަލްޙަލަބީ ތަބާވީ މަގުފުރެދިފައިވާ މީހުންނާ އެކުވެރިކަން ބޭއްވުމާއި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން ހުއްދަކުރުމަށްޓަކައި ބާޠިލު އުޞޫލުތައް އުފެއްދުމުގައި އަލްމައުރިބީގެ މަގަށެވެ. އަދި ދީންތައް އެއްކުރުމަށް ގޮވާލާ ގޮވާލުންތަކަށްވެސް އޭނާ ތާއީދުކުރިއެވެ.
08 ޔަޙްޔާ އަލްޙަޖޫރީ އާއި އޭނާއަށް ތަބާވާ މީހުން ވަނީ ކުށުގެ މަތީގައި ގޮތްދޫނުކުރުން ފާޅުކޮށްފައެވެ. އަދި ޢިލްމުވެރިންނާއި، ޝައިޚުންނާއި އަދި ދަރިވަރުންނާ މެދު ހަރުކަށި ޙުކުމްތައް ނެރުމާއި ހުތުރު ބަސްތައް ބުނުމުގައި ޙައްދާދިއްޔާގެ މަގަށް ތަބާވެފައެވެ.
09 މުޙައްމަދު އަލްއިމާމް އާ މެދު ދަންނަވަނީނަމަ، އޭނާގެ ކިބައިގައި ޙޫޘީ ރާފިޟީންނަށް ހަމްދަރުދީވުމާއި ލޯބިވުން ހުއްޓެވެ. އަދި އެމީހުންގެ ކުފުރުގެ ޢަޤީދާތައް ހުރިކަމުގައިވިޔަސް، އެމީހުންނާއެކު ޞުލްޙައިގެ މުޢާހަދާއެއްގައި ސޮއިކޮށް، އީމާންކަމުގެ އަޚުވަންތަކަން އެމީހުންނަށް ސާބިތުކޮށްދިނެވެ.
10 މި ފިތުނަތަކަށްފަހު ދެން އައީ މުޙައްމަދު ބިން ހާދީ ގެ ފިތުނައެވެ. އޭނާ ވަނީ ޝައިޚުންނާއި ދަރިވަރުން ތަބްދީޢުކޮށް، ތަޟްލީލުކޮށް އަދި ހަރުކަށިކޮށް ތަޖްރީޙުކުރުމުގެ ތެރެއަށް ވެއްޓި، ހުރިހާ ތަނެއްގައި އަހުލުއްސުންނާ ބައިބައިކޮށްފައެވެ. އަދި ދާދި ފަހުން، ޢަރަފާތު އަލްމުޙައްމަދީ އާއި އޭނާގެ ޖަމާޢަތުގެ ފިތުނައެވެ. މި ފިތުނައިގައި ގިނަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި އަޙްޒާބުތަކަށް އެހީވުމާއި، ބަޣާވާތާއި ފިތުނައިގައި ބައިވެރިވުމާއި، ހަނގުރާމައާއި ލޭއޮހޮރުވުމުގެ ކަންކަމުގައި އިސް ޢިލްމުވެރިންނަށް ޚިޔާނާތްތެރިވުމާއި، ޣުލުއްވު އާއި ތަޙައްޒުބު އާއި، މަޝްހޫރު ސަލަފީން ތަބްދީޢުކުރުމާއި، ޙައްދާދީ ބިދުޢަވެރިންނަށް ތަޢުރީފުކުރުމާއި، ބާޠިލު އުޞޫލުތައް އުފެއްދުމާއި، އަދި މިކަންކަމުގެ ތެރެއިން ފަރުވާކުޑަކަމާއެކު އަހުލުއްސުންނާ ބައިބައިކުރުން ހިމެނެއެވެ.
ޢާއްމުގޮތެއްގައި ބަލާއިރު، މީގެ އަޑީގައި ގިނަ މައްސަލަތަކެއް ވެއެވެ:
ޚަވާރިޖުންނާއި، ތަކްފީރީންނާއި، ޙައްދާދީންގެ ފުށުން ފެންނަ ހައްދުފަހަނަޅާފައިވާ ހަރުކަށިކަމާއި އަދި އެއާ އެއްގޮތް ޢަމަލުތަކަކީ ދީނަށްޓަކައި ޣީރަތްތެރިވުމުގެ ނަމުގައި ޙުއްޖަތްދައްކާ ކަންކަމެވެ. އެކަމުގައި ޣުލުއްވު (ހައްދުފަހަނަޅައިދިއުން) އެކުލެވިގެންވެއެވެ.
ހައްދުންނެއްޓި މަޑުމައިތިރިވުމުގެ ސަބަބުން ޙައްޤާއި ބާޠިލާ ދެމެދުގައިވާ ރޮނގު ފަނޑުވެ، ޙައްޤު ދޫކޮށްލުމަށް މަގުފަހިވެ، އަދި ފިރުޤާތަކާއި ޖަމާޢަތްތަކަށް މައިދާނަށް ވަދެ ހިތްތަކާއި ސިކުނޑިތަކަށް ވާސިލުވުމަށް ޖާގަ ލިބިގެންދެއެވެ.
ޖަޒުބާތީ ސިޔާސީ ކަންކަމުގެ ތެރެއަށް ގެނބިގެންދިއުމުގެ ސަބަބުން ވެރިކަމުގެ ކަންކަމުގައި ނުވަތަ ބިދުޢަވެރިންނާއި އަޙްޒާބުތަކާ މުޢާމަލާތްކުރުމުގައި ކުށްތަކަށް އަރައިގަނެވެއެވެ. މިއީ ސުންނަތާއި ސަލަފިއްޔާއަށް ނިސްބަތްވާ މީހުންގެ ފަރާތުން ދޭތެރެދޭތެރެއިން ފެންނަ ކަމެކެވެ.
ޖަމްޢިއްޔާތުތަކުން ކުރާ ފަދައިން، ދަޢުވަތަކީ ވިޔަފާރިއެއް ފަދަ ކަމަކަށް ބަދަލުކުރުމެވެ. މިގޮތުން އެކަކު ނުވަތަ މަދު ބަޔަކު މުދާ އެއްކުރުމާއި އިދާރީ ކޮންޓްރޯލްގެ ތެރެއިން ދަޢުވަތާއި ދަޢުވަތު އުފުލާ މީހުންގެ ވިސްނުމާއި މިސްރާބު ހިފަހައްޓައެވެ. އަދި ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤާއި އޭނާ ފަދަ މީހުންގެ ފުށުން ފެނުނު ފަދައިން، އެމީހުންގެ ރައުޔުތަކަކީ ރަސްމީ ރައުޔުތަކާއި ސިޔާސަތުތަކަށް ވެ، އޭގެ މައްޗަށް ވަލާ އާއި ބަރާ (ލޯބިވުމާއި ރުޅިއައުން) ބިނާކުރެވެއެވެ.
ދީނީ އަދި ސިޔާސީ ޙަޤީޤަތްތައް ފުންކޮށް ދެނެގަތުމާއި އަސާސެއް ނެތުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން އޮޅުންބޮޅުންވުމާއި ބޮޑެތި ކުށްތައް ފާޅުވެގެންދެއެވެ. މިއީ ޢަލީ އަލް-ޙަލަބީ އާއި މުޙައްމަދު އަލް-އިމާމްގެ ފުށުން ފެނިގެންދިޔަ ފަދަ ކަންކަމެވެ.
ހިޔަޅުތަކާއި، ހަރުފަތަކާއި ނަގުލަންދާށިތައް ފަދަ މީހުން (މަކަރުވެރިން) ތިބުމެވެ. އެމީހުން ދަޢުވަތު ކޮންޓްރޯލްކޮށް އެމީހުންގެ ނުފޫޒުގެ ދަށަށް ނުގެނެވިއްޖެނަމަ، ދަޢުވަތު ހަލާކުކޮށްލަން ބޭނުންވެއެވެ. އަދި ގިނަ ފަހަރަށް މިފަދަ މީހުން އަޙްޒާބުތަކާ ކުޅުމާއި، ބިދުޢަވެރިންނަށް ހަމްދަރުދީވުމާއި، ޙަސަދަވެރިކަމާއި ރުޅިވެރިކަން ފަދަ ގިނަ ކަންކަން އެއްކުރެއެވެ.

ކޮމެންޓްތައް
0